ޚަބަރު

އިމްޕޯޓް ޑިއުޓީއާއި ފީގެ ގޮތުގައި 252 މިލިއަން ރުފިޔާ ލިބިއްޖެ


މިއަހަރުގެ ޖުލައިމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 252 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިއީ ހުސްވި އަހަރުގެ ޖުލައިމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު 210 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު ވިހި އިންސައްތަ އިތުރު ޢަދަދެކެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ޖުލައިމަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ ޖުމްލަ އަގު 2016 ވަނަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު 24 އިންސައްތަ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ޖުލައިމަހު ދިވެހިރާއްޖެއަށް 2.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ޖުލައިމަހު މި ޢަދަދުވަނީ 3.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދާ އަގުގެ ގޮތުން ބަލާއިރު، 15 އިންސައްތަ ސިންގަޕޫރުން އިމްޕޯޓްކޮށްފައިވާއިރު، ޗައިނާއާއި އެކުވެރި އަރަބި އިމާރާތުން ސާދަ އިންސައްތަ، އިންޑިއާއިން ތޭރަ އިންސައްތަ، އަދި ހަތެއް އިންސައްތަ މެލޭޝިޔާއިން ވަނީ އެތެރެކޮށްފައެވެ.

ފާއިތުވި ޖުލައިމަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކޮށްފައިވާ މިންވަރު ވަނީ މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު އޮނަތިރީސް އިންސައްތަ މައްޗަށް ގޮސްފައެވެ.

2016 ވަނަ އަހަރުގެ ޖުލައިމަހު 157 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު 2017 ވަނައަހަރުގެ މިމުއްދަތުގައި މިޢަދަދު ވަނީ 202 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ޖުލައިމަހު އެކްސްޕޯޓްކުރި މުދަލުގެ 43 އިންސައްތަ އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑަށްކަން ތަފާސް ހިސާބުތަކުން ދައްކައެވެ.