ޚަބަރު

އަމާނާ ތަކަފުލްއަށް ފައިދާގެ ގޮތުގައި 4.8 މިލިއަން ރުފިޔާ


މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އަމާނާ ތަކަފުލްއަށް ފައިދާގެ ގޮތުގައި 4.8 މިލިއަން ރުފިޔާ ލިބިފަވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އަމާނާ ތަކާފުލް މޯލްޑިވްސްގެ ފައިދާ އިތުރުވުމާއެކު، ޙިއްޞާދާރުންނަށް މި އަހަރުވެސް އިންޓެރިމް ޑިވިޑެންޓް ބަހަން އެކުންފުނިން ވަނީ ނިންމާފައެވެ. އެގޮތުން މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް އެ ކުންފުންޏަށް ލިބުނު ފައިދާއިން ޙިއްޞާގެ މޫނުމަތީ އަގުގެ ފަހެއް އިންސައްތަ ޑިވިޑެންޓްގެ ގޮތުގައި ޙިއްޞާދާރުންނަށް ބަހަން ނިންމާފައިވާ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

އިންޝުއަރެންސްގެ ޙިދުމަތްދޭ، އަމާނާ ތަކަފުލްއަށް މިއަހަރުގެ ފުރަތަމަ ހަތްމަސްދުވަހު ފައިދާގެ ގޮތުގައި ލިބިފައިވަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު އެކާވީސް އިންސައްތަ އިތުރު އަދަދެކެވެ.

އަމާނާ ތަކަފުލް މޯލްޑިވްސް އަކީ، އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް ވިޔަފާރި ކުންފުންޏެއްގެ ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓްކުރެވިފައިވާ ހަމައެކަނި ކުންފުންޏެވެ.