ޚަބަރު

އޭޑީކޭގެ ތިއޭޓަރ ކޮމްޕްލެކްސްގެ ޚިދުމަތް ވަރަށް އަަވަހަށް ފަށާނެ


އޭޑީކޭ ހޮސްޕިޓަލަކީ އަމިއްލަ ކުންފުންޏަކުން ރާއްޖޭގައި ސިއްޚީ ޚިދުމަށް ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އެންމެ ބޮޑު އެއް ހޮސްޕިޓަލް. ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ދިވެހިންދާ ގިނަ ބަލިތަކެއްގެ ފަރުވާ އޭޑީކޭއިން އަންނަނީ ފޯރުކޮށްދެމުންނެވެ. އޭޑީކޭއިން އަންނަނީ އާ ޙިދުމަތްތައް ތަޢާރަފްކޮށް ހިދުމަތް ފުޅާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޭޑީކޭ ހޮސްޕިޓަލް ތަރައްޤީކުރުމަށް މިހާރު ހިންގަމުން އަންނަ އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ އޭޑީކޭގައި ޤާއިމުކުރާ އޮޕްރޭޝަން ތިއޭޓަރ ކޮމްޕްލެކްސްގެ މަސައްކަތެވެ. އެގޮތުން މިހާރު ތިއޭޓަރ ކޮމްޕްލެކްސްގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށާއި ބައެއް މެޝިންތައް ރޭވުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭޑީކޭއިން ބުނެއެވެ.

އޭޑީކޭގެ އޮޕްރޭޝަން ތިއޭޓަރ ކޮމްޕްލެކްސްގައި ތިން އޮޕަރޭޝަން ތިއޭޓަރާއި، ފަސް އެންދުގެ ރިކަވަރީ ސްޓޭޝަނަކާއި، ފަސްއެންދުގެ ކޮރޮނަރީ ކެއާރ ޔުނިޓެއް ގެ އިތުރުން ކެތްލެބެއް ހިމެނެއެވެ. އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލު ވިދާޅުވީ ކެތް ލެބްގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ. އެގޮތުން މިހާރު މެޝިންތައް އިންސްޓޯލްކޮށް ނިމިފައިވާކަމަށާއި އަދި އެކަމަށް ބޭނުންވާ މީހުން ޓްރެއިންކުރުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށް އަފްއާލް ވިދާޅުވިއެވެ.

އަފްއާލް ވިދާޅުވީ މިހާރު އޭޑީކޭއިން ޚިދުމަތް ދެމުން ގެންދަނީ ދެ އޮޕަރޭޝަން ތިއޭޓަރުން ކަމަށާއި، އެކަމުގެ ދަތިތަށް ވަރަށް ބޮޑަށް ކުރިމަތިވާކަމަށެވެ. ނަމަވެސް އަލަށް އިތުރުކުރެވޭ ތިން ތިއޭޓަރާއިއެކު ގިނަ ބަޔަކަށް ޚިދުމަތް ފޯރުކޮށްދެވިގެންދާނެކަމަށް އަފްއާލް ވިދާޅުވިއެވެ. އަދި އޭޑީގެ އަމަޒަކީ ރާއްޖެއިން ބޭރަށް ފަރުވާއަށް ދިވެހިން ދާންޖެހޭ މިންވަރު ކުޑަކުރުންކަމަށް އަފްއާލް ވިދާޅުވި. އަލަށް ޤާއިމުކުރާ ތިއޭޓަރ ކޮމްޕްލެކްސްއިން އޯޕަން ހަރޓް ސަރޖަރީއާއި، ކަށީގެ ބަލިތަކާއި ހިތުގެ ބަލީގެ އޮޕްރޭޝަންތައް ކުރެވޭނެއެވެ.

ތިއޭޓަރ ކޮމްޕްލެކްސްގެ ސްޓަކްޗަރގެ 80 އިންސައްތައަކީ ޕްރީފެބްރިކޭޓް ކޮށްގެން ޖަރމަނީން ތައްޔާރުކުރާ ބައިތަކެކެވެ. އެގޮތުން ތިއޭޓަރ ކޮމްޕްލެކްސްގެ މަސައްކަތް ނިމިގެންދާއިރު މި ކޮމްޕްލެކްސްވާނީ ދުނިޔޭގެ ފެންވަރުގެ ޒަމާނީ ޚިދުމަތްލިބޭ ކޮމްޕްލެކްސްއަކަށްކަމަށް އޭޑީކޭއިން މަޢުލޫމާތުދެއެވެ.