ރާއްޖޭގެ ފަނޑިޔާރުގޭގެ މިނިވަންކަމުގެ މައްޗަށް އެއްވެސް ސިޔާސީ ޕާޓީއަކަށް ބާރެއް ނުފޯރުވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ހެންވޭރު ޖަގަހާގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ފަނޑިޔާރުގޭގެ މިނިވަންކަމުގެ މައްޗަށް ސިޔާސީ ޕާޓީތަކުން ނުފޫޒު ފޯރުވާނަމަ އެ މައްސަލަ ފަނޑިޔާރުގެއިން ބަލަން ޖެހޭނެ ކަމަށެވެ. ރާއްޖޭގައި މީގެކުރިން ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް މިއަދު ރާއްޖެ ދެކެމުން މި އަންނަ ތަރައްޤީ ނުގެނައުމަކީ އަދުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރައްވާނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ޒިންމާ އެމަނިކުފާނު އުފުއްލަވަން ނުޖެހޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީ ކުރީގެ ޗެއާޕާސަން ކަމުގެ މަޤާމާއި، އިދިކޮޅު އެމްޑީޕީގެ އިސް މަޤާމުތަކެއް މީގެކުރިން ފުރުއްވުމަށްފަހު މިއަދު ރައީސް ޢަބްދުﷲ ޔާމީންގެ ފަހަތްޕުޅަށް ވަޑައިގެން އެމަނިކުފާނުގެ އަރިހުގައި މަސައްކަތްޕުޅު ކުރައްވަން ފެއްޓެވީ ޤައުމަށް ޚިދުމަތް ކުރުމަށް ބޭނުންވާތީ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ފުރަ މާލޭގައި ސަޕޯޓަރުން އޮތީ ހަމައެކަނި އިދިކޮޅު ފަރާތްތަކަށް ކަމަށް ބުނެ ދެކެމުން އަންނަނީ ހުވަފެނެއް ކަމަށެވެ. މި ޖަލްސާގައި މޫސަ ވިދާޅުވީ ސިޔާސީ ކަންކަމުގައި މިއަދު އިދިކޮޅު ފަރާތުގައި ތިއްބެވި ބޭފުޅުން ސަރުކާރު ހިންގާ މައިޕާޓީއާ އެކު ސިޔާސީ ކަންކަން ކުރުމަށް ލަދު ގަންނަންޖެހޭނެ ކަމަށެވެ.
މި ޖަލްސާގައި މޫސަ ވަނީ ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމަށާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަޙްލޫފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.