ކުޅިވަރު

ނޭމާ އަތުން 8.5 މިލިއަން ޔޫރޯ ހޯދަން ބާސެލޯނާ ދައުވާކޮށްފި


ކުލަބުގެ ނުގަބޫލުގައި ދުނިޔޭގެ ރެކޯޑް ފީއަކަށް ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވި ނޭމާ ސަންޓޯސް އަތުން 8.5 މިލިއަން ޔޫރޯ ހޯދަން ބާސެލޯނާއިން ދައުވާކޮށްފި އެވެ.

ބްރެޒިލްގެ ފޯވަޑާ މެދު ބާސެލޯނާއިން މިފަދައިން ކަންތައްކުރީ މި އަހަރު ކުރީކޮޅު ކުރިއަށް އޮތް ފަސް އަހަރު ބާސެލޯނާގައި ހުރެދިނުމަށް އޭނާ ސޮއިކުރި އެގްރީމަންޓަށް ތެދުވެރިވެފައިނުވާ ކަމަށްބުނެ އެވެ. ބާސެލޯނާއިން ބުނީ އާ އެގްރީމަންޓްގައި ސޮއިކުރިއިރު ކުލަބަށް ވަފާތެރި ކުޅުންތެރިއެއްގެ ގޮތުގައި ހުރުމަށް ނޭމާ އަށްދީފައިވާ 8.5 މިލިއަން ޔޫރޯ އަކީ މިހާރު އަލުން ކުލަބަށް ދައްކަންޖެހޭ އަގެއް ކަމަށެވެ.

މިކަމާ ނޭމާ ދެކޮޅު ހަދާއިރު އޭނާގެ ފުރަތަމަ ކޮންޓްރެކްޓް ބުނެފައިވަނީ މި އަހަރުގެ ޖުލައި މަހާ ހަމައަށް ބާސެލޯނާގައި ހުރެފިނަމަ 26 މިލިއަން ޔޫރޯގެ ބޯނަސް އަށް ލިބޭނެ ކަމަށެވެ. ނަމަވެސް ޖުލައިގެ ކުރިން ޕީއެސްޖީ އަށް ބަދަލުވާން ނިންމިކަމަށް ބުނެ ބޯނަސް ދިނުމަށް ވެސް ބާސެލޯނާ ވަނީ ދެކޮޅުހަދާފަ އެވެ.

މިކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުން ނޭމާ ބުނެފައިވަނީ ބާސެލޯނާގެ ބޯޑު މެމްބަރުންނަށް ދުވަހަކު ވެސް މައާފް ނުކުރާނެ ކަމަށާއި އެެމީހުން ނޫން ބަޔަކު ބާސެލޯނާގެ ބޯޑަށް ގެންނަން ޖެހޭ ކަމަށެވެ.

ބާސެލޯނާ ދޫކޮށް ނޭމާ ޕީއެސްޖީ އަށް ބަދަލުވީ އަމިއްލަ އަށް އޭނާގެ ކޮންޓްރެކްޓް ގަނެގެންނެވެ. އެއީ 222 މިލިއަން ޔޫރޯ އަށެވެ. މިފައިސާ ނޭމާ އަށް ދީފައިވަނީ ޕީއެސްޖީންނެވެ.