ޚަބަރު

އުރީދޫގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި


އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ޙިއްސާދާރުންގެ ފަރާތުން ތަމްސީލުކުރާނޭ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ އެކުންފުނީގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިންނާއި ޙިއްޞާދާރުން ގަނެފައިވާ ޙިއްޞާގެ ޢަދަދަށް ބެލުމަށްފަހު، އާންމު ޙިއްޞާދާރުން ރަމްޒުކޮށްދިނުމަށް އެއް ބޭފުޅަކު ބޯޑު އޮފް ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަންކުރަންޖެހޭކަމަށެވެ. އުރީދޫ މޯލްޑިވްސް ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ކިބާގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެކުންފުނީގައި މަދުވެގެން ފަންސާސް ޙިއްޞާ އޮތުން ހިމެނެއެވެ.

ނުވަތަ އުރީދޫ މޯލްޑިވްސްގައި މަދުގެވެގެން ފަންސާސް ޙިއްޞާ އޮތް ކުންފުންޏަކުން ނަން ހުށަހަޅާފައިވާ މީހެއް ކަމުގައިވާންޖެހޭ. މީގެ އިތުރުން ފާހަގަކޮށްލެވޭ ބައެއް ޝަރުތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނާގުޅިގެން ހެދިފައިވާ ޤަވައިދުތަކާއި، ސީއެމްޑިއޭގެ ކޯޕަރޭޓް ގަވަރނަންސްކޯޑްގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި ޤާބިލިއްޔަތުކަން ހުރުމާއެކު، އިންޑިޕެންޑެންޓް ޑިރެކްޓަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވުން ހިމެނެއެވެ. އަދި ރާއްޖޭގައި ނުވަތަ އެހެން ޤައުމެއްގެ ޕްރައިވެޓް ނުވަތަ ޕަބްލިކް ސެކްޓަރގައި މަތީ މަޤާމެއްގައި މަސައްކަތްކޮށް، މަދުވެގެން ދިހަ އަހަރު ތަޖުރިބާ ލިބިފައިވާންޖެހޭކަމަށްވެސް އުރީދޫ މޯލްޑިވްސް ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އަންނަ ސެޕްޓެމްބަރުމަހުގެ ދިހަވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން އެކަމަށްއެދި ހުށަހަޅަން ޖެހޭކަމަށެވެ.