ޚަބަރު

ދަތިކަމެއް ނެތި ހިލަޔާއި ހިލަވެލި ލިބޭނެ ގޮތް ހަމަޖައްސައިފި


ކުރިއަށް އޮތް ތިންމަހު އެއްވެސް ދަތިކަމެއް ނެތި މެދުނުކެނޑި ހިލަޔާއި ހިލަވެލި މުޅި ރާއްޖެއަށް ފޯރުކޮށްދެވޭވަރަށް ރާއްޖެއަށް ހިލަވެލި އެތެރެކޮށްފިއެވެ. އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖެއަށް ވަކި އުސޫލުތަކެއްގެ ދަށުން ކޮންމެ ފަރާތަކަށްވެސް ހިލަޔާއި ހިލަވެލި އެތެރެކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

ރާއްޖޭގެ އިޤްތިސާދު ހަރުދަނާކޮށް ރަނގަޅުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެދަށުން އިޤްތިޞާދީ މުހިންމު ބަދަލުތަކެއް ދަނީ އަންނަމުންދެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ މުޅިރާއްޖޭގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކެވެ. މާލޭގެ އިތުރުން އަތޮޅުތަކުގައި ހިންގާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައްވަނީ ފަހުގެ ތާރިޚުގައި އިތުރުނުވާ މިންވަރަށް އިތުރުވެފައެވެ.

ކޮންސްޓްރަކްޝަން ދާއިރާގެ އިތުރުން ރިއަލްއިސްޓޭޓްގެ ދާއިރާދަނީ ފުޅާވެ ކުރިއަރަމުންކަން މިދާއިރާތަކުގައި މަސައްކަތްކުރާމީހުންބުނެއެވެ. ސަރުކާރުންދަނީ މި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތަކަށް ބޭނުންވާ ހިލަޔާއި ހިލަވެލި އެތެރެކޮށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، މިއަހަރު ކުރިއަށް އޮތް ތިން މަސައްދުވަހުގެ މުއްދަތަށް މުޅި ރާއްޖެއަށް ބޭނުންވާވަރަށް ހިލަޔާއި ހިލަވެލި އެއްވެސް ދަތިކަމެއްނެތި ކޮންޓެކްޓަރުންނަށް ލިބޭވަރަށް ރާއްޖެއަށް އެތަކެތި އެތެރެކޮށްފައިވާކަމަށެވެ.

ހިލަޔާއި ހިލަވެލީގެ ސްޓޮކް އެތެރެކޮށްފައިވަނީ ސިންގަޕޫރުގެ ކުންފުންޏަކުންނެވެ.

ރާއްޖެއިން ބޭރުގެ ކުންފުނިތަކަށްވެސް ހިލަޔާއި ހިލަވެލި އެތެރެކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މެލޭޝިއާއާއި ކެމްބޯޑިއާއާއި ވިއެޓްނާމް ފަދަ ޤައުމުތަކުންވެސް ހިލަވެލި އެތެރެކުރުމުގެ މަސައްކަތްކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަގުތަކަށް މަޗައްދިއުންކަމަށާ، ނަމަވެސް މި ހިލަޠާއި ހިލަވެލީގެ ސްޓޮކްތައްކުގެ ސަބަބުން މިމައްސަލައަށް ޙައްލުއަންނާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހިލަވެލި އެތެރެކުރުމުގެ ފުރުޞަތު އެންމެންނަށް ހުޅުވާލާފައިވާކަމަށެވެ. އަދި އޭގެސަބަބުން މާކެޓުގައި ހިލަޔާއި ހިލަވެލީގެ އަގު ދަށް ވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ހިލަޔާއި ހިލަވެލި އެތެރެކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އުސޫލުތަކުގެ ތެރެއިން އެންމެ އިސްކަންދޭނީ، ކުރިއަށް އޮންނަ ތިން މަހަށް މެޓީރިއަލް އެތެރެކުރެވޭ ކުންފުނިތަކަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ ވަގުތީގޮތުން ހިލަޔާއި ހިލަވެލި ސްޓޮކް ކުރުމުގެ އިންތިޒާމު ހުޅުމާލެ، ފޭސް ދޭއްގައި ހަމަޖައްސާފައިވާކަމަށެވެ. އަދި މިހާރުވެސް އެ ސަރަހައްދައް ގިނަ ޢަދަކަކަށް ހިލަޔާއި ހިލަވެލި ޖަމާކޮށްފައިވާއިރު، މިހާރުވެސް ބާޖުތަކުން މެޓީރިއަލް އަންލޯޑްކުރަމުންދާކަމަށެވެ.

އިކޮނޮމިކް މިނިސްޓަރ ސަޢީދުވަނީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއާއި ރިއަލް އެސްޓޭޓްގެ ދާއިރާ ފުޅާކުރުމަށް މި ސަރުކާރާއި ރައީސް ދެއްވާ ސަމާލުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި މިވަގުތު ހިންގަމުންދާ ބްރިޖް މަޝްރޫޢުއާއި، ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި، އެއަރޕޯޓާއި އަމިއްލަ ފަރާތްތަކުން ކުރާ ވިޔަފާރިތަކާއި ހަދަމުންދާ ރިސޯޓުތަކަކީ އިގްތިސާދީގޮތުން ރާއްޖެ ކުރިއަރައިގެން އަންނަކަމުގެ ހެއްކެއްކަމަށް ވިދާޅުވެފައެވެ. ހިލަޔާއި ހިލަވެލި ޖަމާކުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޕީއެލްއާއި، ކަސްޓަމްސްއާއި، އިމިގްރޭޝަނާއި އެޗްޑީސީ ގުޅިގެންނެވެ.