ޚަބަރު

ގެސްޓްހައުސް ކޮންފަރެންސްގެ ޓައިޓްލް ސްޕޮންސަރަކަށް ދިރާގު


ގެސްޓް ހައުސް ކޮންފަރެންސްގެ ޓައިޓްލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައި މޯލްޑިވްސް ގެޓަވޭސްއާއެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

މޯލްޑިވްސް ގެޓަވޭސްއިން އިންތިޒާމްކޮށްގެން އަންނަމަހުގެ 23 ވަނަ ދުވަހު ބާއްވާ ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސްއަކީ ގެސްޓްހައުސް ވިޔަފާރީގައި ޙަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެވޭނެ މާޙައުލެއް ޤާއިމުކޮށްދީ، ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކެއް ފަހިކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ ކޮންފަރެންސެކެވެ.

ގެސްޓް ހައުސް ކޮންފަރެންސްގެ ޓައިޓްލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ކޯޕަރޭޓް އެންޑް ސްޕޮންސަރޝިޕް މެނޭޖަރ އިބްރާހިމް ހޫދު ވިދާޅުވީ ގެސްޓް ހައުސް ދާއިރާއަކީ މިހާރު ރާއްޖޭގައި ކުރިއަރަމުން އަންނަ ސިނާއަތެއްކަމަށެވެ. އަދި ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ މިފަދަ ސިނާއަތްތައް ކުރިއަރުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން މީގެ ކުރިންވެސް ދިރާގުންވަނީ ގެސްޓްހައުސް އިންޓަނެޓްގެ ނަމުގައި ހާއްސަ ހިދުމަތެއް ތައާރަފް ކޮށްފައިކަން ހޫދު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މޯލްޑިވްސް ގެޓަވޭސްގެ އިވެންޓްސް އެންޑް ޕަބްލިކް ރިލޭޝަން މެނޭޖަރ ފުރާތު މުހައްމަދު ވިދާޅުވީ މިފަހަރުގެ ކޮންފަރެންސްގެ އެންމެ ބޮޑު އަމާޒަކީ ސިންގަލް ޔޫސް ޕްލާސްޓިކް ކެންޕެއިން ޕްރޮމޯޓް ކުރުންކަމަށެވެ. އަދި ގެސްޓް ހައުސް ވިޔަފާރިތައް ކުރިއަރުވައި މާކެޓް ހޯދައިދިނުމަކީވެސް މި ކޮންފަރެންސްގެ މައިގަނޑު ބޭނުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ މި ކޮންފަރެންސް ބާއްވާ ދެވަނަ އަހަރެވެ. ސެޕްޓެމްބަރ މަހުގެ ތެރޭގައި އޮންނަ ގެސްޓްހައުސް ކޮންފަރެންސްގައި މިއަހަރުވެސް 200 ގެސްޓް ހައުސް ބައިވެރިވެފައިވާކަމަށް މޯލްޑިވްސް ގެޓަވޭސްއިން ބުނެއެވެ.