ޚަބަރު

އިކޮނޮމިކް ޑައިލޮގްގެ ޕްރޮޑަކްޝަން ޕީއެސްއެމްއާ ހަވާލުކޮށްފި


ބުލޫ އޯޝަން އިކޮނޮމިކް ޑައިލޮގްއަކީ ރާއްޖޭގެ އިޤްތިޞާދަށް އައިސްފައިވާ ބަދަލުތަކާއި ކުރިއެރުންތަކަށް ޢިލްމީ ނަޒަރަކުން ބަލާލާ ބިނާކުރަނިވި ވާހަކަތަކެއް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށްޓަކައި ޕީއެސްއެމްއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އުފައްދަން މަސައްކަތްކުރާ ޓީވީ ޕްރޮގްރާމެކެވެ. 

ބުލޫ އޯޝަން އިކޮނޮމިކް ޑައިލޮގް އުފެއްދުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވީ، ޤައުމު ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި ޕީއެސްއެމްގެ ދައުރު ވަރަށް ބޮޑުކަމަށާއި ރާއްޖެއަށް އަންނަމުންދާ އިންޤިލާބީ ބަދަލުތަކުގެ ތެރެއިން ތަފާތު ދާއިރާތަކުން ފްރެންޗައިޒްތައް ރާއްޖޭގެ ބާޒާރަށް އަންނަމުންދާކަމަށެވެ. މިނިސްޓަރު ސައީދު ވިދާޅުވީ، އިކޮނޮމިކް ޑައިލޮގްގެ ނަމުގައި މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސެޝަން އެމަނިކުފާނުގެ ގެނެސްދިންއިރު، އެކަން ވެގެންދިޔައީ ވަރަށް ގިނަ ބަޔަކު ބަލައިގަތް ސެޝަންއަކަށްކަމަށެވެ. ހާއްސަކޮށް، ރާއްޖޭގެ ކަންކަމާއި ފިކުރު ކުރައްވާ ފަރާތްތަކުން ވަރަށް ބޮޑަށް އެކަން ބަލައިގަތްކަމަށް ސައީދު ވިދާޅުވިއެވެ.  

img:http://s3.psmnews.mv/images/660x400/15032381292739.jpg|ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ސަޢީދު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް ނިއުސް

ޕީއެސްއެމާއި ގުޅިގެން އުފައްދާ އިކޮނޮމިކް ޑައިލޮގްގައި އިޤްތިޞާދީ މަޝްރޫޢުތަކުގެ އިތުރަށް އެހެނިހެން މަޝްރޫޢުތަކަށްވެސް އިޤްތިޞާދީ ނަޒަރަކުން ބަލާނެއެވެ. ޚާއްޞަކޮށް މަތީ ތަޢުލީމް ހާސިލްކުރާ ދަރިވަރުންނަށް ރާއްޖޭގެ އިޤްތިޞާދަށް ތިން އަހަރު ދުވަހުގެ ތެރޭގައި އައިސްފައިވާ ކުރިއެރުންތައް ދިރާސާކޮށް ރިސާރޗް ޕޭޕަރު އެކުލަވާލެވޭނެކަން ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ޔުނިވާސިޓީތަކުގައި ކޭސް ސްޓަޑީއެއްގެ ގޮތުގައި އިޤްތިޞާދީ ބަދަލުތައް ބަލައިގަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ދެއްކެވި ވާހަކަފުޅުގައި އިކޮނޮމިކް ޑައިލޮގްގައި ހިމެނޭނޭ އިޤްތިޞާދީ ކަންކަމުގެ މައްޗަށް ވަރަށް ތަފްސީލީގޮތެއްގައި ބައްލަވާލެއްވިއެވެ. އިކްރާމް ވިދާޅުވީ، އިކޮނޮމިކް ޑައިލޮގް ޕްރޮޑަކްޝަންގައި ހިމެނޭނީ ޢިލްމީ ވާހަކަތައް، ބިނާކުރަނިވި ވާހަކަތަކާއެކުކަމަށެވެ. އިކްރާމް ވިދާޅުވީ ރާއްޖެއަށް އަންނަ އިޤްތިޞާދީ ބަދަލާއެކު އޭގެ ވާހަކަ ދައްކާނެ ވަރުގަދަ މީޑިއާ ޕްރޮޑަކްޝަނެއް އޮތުމަކީ މުހިންމުކަމެއްކަމަށެވެ. އަދި އަމާޒަކީ ރާއްޖޭގެ ރައްޔިތުން އިޤްތިޞާދީ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކާ ޕްރޮގްރާމަށް، މިޕްރޮގްރާމް ހެދުންކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/15032381596589.jpg|ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކްރާމް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް ނިއުސް

ޤައުމަށް އަންނަ ކުރިއެރުމާއެކު ދެން ޤައުމުގެ އަމާޒާއި ވިސްނުން ބަދަލުވެގެންދާނީ ކޮން ދިމާލަކަށްކަން މި ޕްރޮގްރާމުން އެނގިގެންދާނެކަން ފާހަގަކުރައްވާ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ މިއީ އެންމެ ބޮޑު އެއް ޕްރޮޑަކްޝަަނަށް ވެގެންދާނެކަމަށެވެ. އިކްރާމް ވިދާޅުވީ އަންނަ މަހުގެ ތެރޭގައި މި ޕްރޮގްރާމް ދައްކަން ފެށުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

އިކޮނޮމިކް ޑައިލޮގްގެ އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލްއެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މިނިސްޓަރ މުޙާއްމަދު ސަޢީދުއެވެ.

އެގާރަ އެޕިސޯޑްގެ މައްޗަށް ހިމެނޭ މި ސިލްސިލާގެ ޕްރޮގްރާމްތައް ދެއްކުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.