ޚަބަރު

ޑިސްކަވަރ ހޮސްޕިޓާލިޓީ ޕްރޮގްރާމްއަށް ހޮވުނު ދަރިވަރުން


ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ތަމްރީންކުރުމަށް ޔުނިވަރސަލް ފައުންޑޭޝަނުން ސްޕޮންސަރކޮށް ވިލާކޮލެޖާއި ގުޅިގެން ހިންގާ ކޯސްތައް ލިބުނު ދަރިވަރުންނާއި ލިޔުން ހަވާލުކޮށްފިއެވެ. 

މިކޯސްތަކުގައި ކިޔެވުމުގެ ފުރުސަތު ވިހި ދަރިވަރަކަށް ދީފައިވާއިރު ހިންގުމަށް ހަމަޖެހިފައިވަނީ ލެވެލް ތިނެގެ ކޯސްތަކެވެ. ވިލާ ކޮލެޖުން މަޢުލޫމާތުދޭ ގޮތުގައި، ފުރުސަތު ދީފައިވާ ކޯސްތަކުގެ ތެރޭގައި ފްރަންޓް އޮފީސް، ހައުސްކީޕިންގ އަދި ފުޑް އެބްޑް ބެވަރެޖް ފަދަ ކޯސްތައް ހިމެނެއެވެ. 

ލިޔުން ހަވާލުކުރުމަށް ބޭއްވި ޙަފްލާގައި ޓުއަރިޒަން މިނިސްޓާރ މޫސާ ޒަމީރާއި، ވިލާ ކޮލެޖް އަދި ޔުނިވަރސަލް ފައުންޑޭޝަންގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. 

ހަފްލާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މިނިސްޓާރ ޒަމީރް ވިދާޅުވީ މިފަދަ ފުރުސަތުތަކަކީ މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ލިބުނު މުހިންމު ފަހި ފުރުސަތުތަކެއްކަމަށެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަން ފުޅާކުރުމަށް އިތުރު ގިނަ ފަރާތްތަކުން ކުދިންނަށް މިފަދަ ފުރުސަތުތައް ފަހިކޮށްދިނުން މުހިންމުކަމަށް ވިދާޅުވެފައެވެ. 

ޔުނިވަރސަލް ފައުންޑޭޝަނުން ވިދާޅުވީ އެކި ސަބަބުތަކާއިހުރެ ސްކޫލް ނުނިމި ކިޔެވުން ދޫކޮށްލަން ޖެހިފައިވާ ދަރިވަރުންނަށްވެސް ކޯސްތަކުން ފުރުސަތުދީފައިވާކަމަށެވެ. އަދި މި ކޯހަކީ ޔުނިވަރސަލް އިން މުޅިން ހިލޭދޭ ކޯހެއްކަމަށާއި މާލޭގައިހުރުމާއު، ދަތުރު އަދި ކިޔެވަމުންދާ ދުވަސްވަރު ކުދިންނަށް އެލަވަންސްއެއްވެސް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ބްލޮކް މޯޑަށް ކުރިއަށްގެންދާ މި ކޯސްތަކުގެ ތިއަރީ  ވިލާކޮލެޖުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ކޯހުގެ ގިނަ މޮޑިއުލްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ފަސްރިސޯޓެއްގައެވެ.