ޚަބަރު

މަޖިލީހުގެ 12މެންބަރެއްގެ މައްޗަށް ޖިނާއީ ދައުވާކުރަން ފޮނުވައިފި


ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ. 

މި ބާރަ މެންބަރުންގެ މައްޗަށް އުފުލާފައިވަނީ ގާނޫނީ ވާޖިބު އަދާކުރަން ހުރި މުވައްޒަފަކަށް ހުރަސް އެޅި ކަމުގެ ދައުވާއެވެ. އެމީހުންގެ މައްސަލަ ފުލުހުން ތަހްޤީޤްކޮށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިން މެންބަރުންގެ މައްޗަށްވެސް ވަނީ ޖިނާޢީ ދައުވާ އުފުލާފައެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަމީތާއި، ވިލިނގިލި ދާއިރާގެ ކުރީގެ މެންބަރު ސައުދު ޙުސައިން އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު އިބްރާހީމްގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދަޢުވާއެވެ. މިއީ މިދިޔަ މަހުގެ ސައުވީސް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނެތްކަމަށް މަޖިލީހުން އަންގާފައިވަނިކޮށް މަޖިލީހަށް ވަނުމުންނެވެ. މިތިން މީހުން ފުލުހުން ހައްޔަރުކޮށްފައިވާއިރު މުޙައްމަދު ވަހީދު ވަނީ ވަނީ ޝަރުތަކާއެކު ދޫކޮށްލާފައެވެ. މި ތިން މެންބަރުންގެ ގޮނޑި ގެއްލުނުކަމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދާއިރު ދެން އޮންނާނީ އެމައްސަލައިގެ ޙުކުމް އިއްވުމެވެ.