ޚަބަރު

އިދިކޮޅު ފަރާތްތަކަށް ތަރައްޤީގެ ފޯކަސް ބަދަލެއް ނުކުރެވޭނެ!


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ފޯކަސް އިދިކޮޅު ފަރާތްތަކަށް ގެއްލުވާ ނުލެވޭނޭކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ތާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ތާރިޤް އިބްރާހީމް މިހެން ވިދާޅުވީ، ޤައުމީ ފެންކުންފުނި، އެމްޑަބްލިއުއެސްސީގެ ބާވީސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އަބްދުﷲ ޔާމީން ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ތާރިޤް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ޤައުމީ ފެންކުންފުނީގެ ޙިއްޞާގެ ބައެއް ބޭރުގެ ކުންފުންޏަކަށް ވިއްކާލުމުން ފެންކުންފުނި ކުރިއެރުވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާންޖެހުނުކަމަށެވެ. ނަމަވެސް މި ގޮންޖެހުންތަކާއިއެކުވެސް ރައީސް ޔާމިން ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ވޭތުވެދިޔަ ތިން އަހަރެއްހާދުވަސް ފާހަގަކުރެވުނީ ފެންކުންފުންފުނީގެ މަސައްކަތްތަކުގައި ބޮޑެތި ކާމިޔާބީ ތަކަކާއި ކުރިއެރުންތަކެއް ހާސިލްކުރެވުނު ދުވަސްތަކަކަށް ކަމަށެވެ. މިގޮތުން މިއަދު އެމްޑަބްލިއުއެސްސީއަކީ ފެނާ ނަރުދަމާގެ މަސައްކަތުގައި ކާމިޔާބު މަޝްރޫޢުތަކެއް ހިންގަމުން އަންނަ ކުންފުންޏެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންވަޔަރުމަންޓް މިނިސްޓަރު ތާރިޤް އިބްރާހީމް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު މީގެކުރީ ސަރުކާރުތަކުން އަޅާނުލާ ނުކޮށް ދޫކޮށްލާފައިހުރި މުހިއްމު އެތައް ކަންތައްތަކެއް ކުރަމުން އަންނަކަމަށެވެ. މިގޮތުން ހޫނު މޫސުމުގައި ބައެއް ރަށްރަށް ފެނަށްޖެހޭ މަސައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތް މިނިސްޓަރު ތާރިޤް ފާހަގަކުރެއްވިއެވެ. މިކަން ހައްލުކުރުމަށް ކުރެވުނު މަސައްކަތުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 29 ރަށެއްގައި ސާފް ބޯފެން ރައްކާކުރެވޭނެ ނިޒާމެއް ޤާއިމް ކުރެވިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި މިހާރު 18 ރަށެއްގައި ސާފް ބޯފެން ރައްކާކުރެވޭ ނިޒާމެއް ޤާއިމްކުރަމުންދާއިރު، ވަރަށް ކައިރި މުސްތަޤްބަލެއްގައި އިތުރު 45 ރަށެއްގައި މި މަސައްކަތް ފެށޭނޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.