ފިހާރަތަކާއި ރެސްޓޯރެންޓު އަދި ކެފޭ ފަދަ ތަންތަނުގައި ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ތިބޭތޯ މިހާރުވެސް ބަލަމުންދާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
ރާއްޖޭގައި ބިދޭސީން ގިނަވުމާ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އިއްޔެއަކު މިއަދަކު ދިވެހިންގެ ތެރޭގައި ދައްކަމުން އަންނަ ވާހަކައެއް ނޫނެވެ. ބިދޭސީ ސޭޓުން ތިބޭ ތަންތަން ޖޫރިމަނާ ކުރުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ޙަސަން ޚަލީލް ވިދާޅުވީ މިހާރު އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ ވަކި ބަޔަކަށް އަމާޒުކޮށްގެން ނޫން ކަމަށެވެ. ރޫޓިންކޮށް ޗެކް ކުރަމުން އަންނަ ކަމަށާއި އެފަދަ އޮޕަރޭޝަންތަކުގައި ހުރިހާ ދިމާލަކަށް އިމިގްރޭޝަނުން ދާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.
ޚަލީލް ވިދާޅުވީ އިމިގްރޭޝަންގެ މައިގަނޑު މަޤްސަދަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ މީހުން ހޯދުން ކަމަށެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އެންމެ ގިނަކަން ފާހަގަކުރެވިފައި ވަނީ ފިހާރަ ރެސްޓޯރެންޓް ނުވަތަ ކެފޭ ހޮޓާ ފަދަ ތަންތަނުގައެވެ. މިފަދަ ތަންތަނުގައި ބިދޭސީ ސޭޓުން ގެންގުޅޭ ނަމަ އެފަދަ ތަންތަން ޖޫރިމަނާ ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. ބިދޭސީން ސޭޓުންގެގޮތުގައި ގެންގުޅުން މަނާކޮށް 2015ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ނެރުނު ޤަވާއިދުގައި ބުނެފައިވަނީ ބިދޭސީ ސޭޓުން ބައިތިއްބާނަމަ ދިހަހާސް ރުފިޔާ އާއި ފަންސާސްހާސް ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނޭކަމަށެވެ.