ޚަބަރު

ހުކުރުއުފާ: މިހަފްތާގެ ދަރުސް "ދަރިން ތަރުބިއްޔަތު ކުރުން"


"ހުކުރު އުފާ" ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްގެންދާ އިސްލާމީ ފެސްޓިވަލްގެ މިހަފްތާގެ ދީނީ ދަރުސް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވައިފިއެވެ. 

މިރޭ ދަރުސްދެއްވާފައިވަނީ "ދަރިން ތަރުބިއްޔަތު ކުރުން" މި މަޢުޟޫއަށެވެ. ދަރުސްދެއްވީ އައްޝައިޚް އަހުމަދު މައުމޫނެވެ.

އައްޝައިޙް އަހުމަދު މައުމޫނު ވަނީ ދަރިން ތަރުބިއްޔަތުކުރުމުގައި ދީނީގޮތުން ބަލަންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވަފައެވެ. އެގޮތުން، ޒަވާޖީ ޙަޔާތް ފަށާއިރު ދީންވެރި، ރަނގަޅު އަޚްލާގެއްގެ ބައިވެރިޔަކު ހޮވުމަށް ގޮވާލާފައެވެ. މީގެ އިތުރުން ދަރިންނަށް ނަންކިޔުމުގައި ރީތި ނަމަށްވުރެ މާނަ ރަނގަޅު ނަންތައް ކިޔުމަށްވެސް ޝައިޚް އިލްތިމާސްކުރެއްވިއެވެ.

ޝައިޚް މައޫމޫން ވިދާޅުވީ ދަރިން ދޮގު ހަދާއިރު އެ ކުއްޖާއަށް ހަޅޭލެވުމުގެ ބަދަލުގައި ވިސްނައި ދިނުމަކީ މުހިއްމު ކަމެއްކަމަށެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި، އެ ކުދިންބޮޑުވެގެން އަންނައިރު އެކުދިންނަށް ކިޔާދޭންޖެހޭ ކަންތައްތައް ކިޔައިދިނުމުގެ މުހިއްމުކަމުގެ މައްޗަށްވެސް ޝައިޚް އަލިއަޅުވާލެއްވިއެވެ. 

ކީރިތި މާތް ރަސޫލާގެ ދިރިއުޅުއްވުމަށް އަލިއަޅުވާލާ ވާހަކަފުޅުދައްކަވަމުން އައްޝައިޚް އަޙްމަދު މައުމޫނު ވިދާޅުވީ ރިވެތި އަޚްލާގާއި ރިވެތި އުސޫލްތައް ދެމެހެއްޓުމަށް ކީރިތި ޤްރުއާންގައި ހިފަހައްޓަންޖެހޭކަމަށެވެ. 

"ހުކުރު އުފާ" ފެސްޓިވަލް އަކީ އިސްލާމިކް މިނިސްޓްރީއާއި، ފީއެސްއެމް ގުޅިގެން އެއް އަހަރުދުވަހުގެ މުއްދަތަށް ކުރިއަށް ދާ ފެސްޓިވަލެއް. މި ފެސްޓިވަލްގެ ޙަރަކާތްތައް އޮންނާނީ ކޮންމެ ހުކުރު ދުވަހު އިސްލާމީ މަރުކަޒު މައިދާނުގައެވެ.