ޚަބަރު

"މަސްދޯނިފަހަރަށް އައިސްފައިވަނީ އެންމެ ކުރިއަރާފައިވާ ތަރައްޤީ"


ރާއްޖޭގެ މަސްދޯނިފަހަރަށް އައިސްފައިވާ ތަރައްޤީއާއި ޓެކްނޮލޮޖީއަކީ ދުނިޔޭގެ ނިސްބަތުންވެސް މިދާއިރާގައި އެންމެ ކުރިއަރާފައިވާ ތަރައްޤީއާއި ޓެކްނޮލޮޖީކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. 

ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަން އެއްދުވަހުން އަނެއްދުވަހަށް އަންނަނީ ތަރައްޤީވަމުންނެވެ. ޚާއްޞަކޮށް މަސްވެރިކަން ކުރާ ދޯނިފަހަރާއި އެދޯނިފަހަރުގައި ބޭނުންކުރާ ވަސީލަތްތައް ވަނީ ވަރަށް ބޮޑަށް ތަރައްޤީވެފައެވެ. މަސްވެރިކަމުގައި ޒަމާނީ ވަސީލަތްތަކާ އާ ގޮތްތަކާއި އާއުކުޅުތައް ދިވެހި މަސްވެރިން އަންނަނީ ބޭނުންކުރަމުންނެވެ. ޚާއްޞަކޮށް ދޮށީގެ މަސްވެރިކަމަށް އެންމެ ޒަމާނީ ފަހުގެ ވަސީލަތްތައް ތަޢާރަފްކުރުމަށް ފިޝަރީޒް މިނިސްޓްރީން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވީ، މަސްވެރިކަމަށް އާ ވައްތަރެއްގެ "ދުރުމި" ރާއްޖެ ގެނެސް އަޖުމަބެއްލުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މި ދުރުމިތަކަކީ ގަދަ ކަނޑުތަކުގައި މަސްއައިން ހޯދުމަށް އެހީތެރިވެދޭނެ ވަސީލަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ދުރުމިތަކުގެ އަޖުމަބެލުމުގެ ގޮތުން ރާއްޖޭގެ ބައެއް ދޯނިފަހަރުގައި ބޭނުންކުރަމުންދާކަމަށް މިނިސްޓަރ ޑރ.ޝައިނީ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން މީގެކުރިން ވަނީ މަސްއައިންތަކުގައި އުޅޭ ދޯނި ފަސޭހަކަމާއެކު ހޯދުމަށް "ދޫނި ރާޑަރ"ގެ ނަމުގައި އާ ވައްތަރެއްގެ ރާޑަރެއް ރާއްޖެގެނަސް އަޖުމަބެލުމުގެ ގޮތުން ދެ މަސްދޯންޏެއްގައި ހަރުކޮށްފައެވެ. މިނިސްޓަރ ޑރ.ޝައިނީ ވިދާޅުވީ، މި ރާޑަރަކީ މަސްވެރިކަމުގައި ނުހަނު ބޭނުންތެރި އެއްޗަކަށް މިހާރު ވެފައިވާކަމަށެވެ. 

މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވީ، އަޖުމަ ބެލުމުގެ ގޮތުން މަސްދޯނިފަހަރުގައި މަސްފިނިކުރާ ނިޒާމް ޤާއިމްކުރުމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް. އެހެންނަމަވެސް މިކަމަކީ ބޮޑު ޚަރަދެއް ހިނގާނެކަމެއްކަމަށް ބެލެވޭތީ މިއީ އެހާ ބޭނުންތެރި ސިސްޓަމަކަށް ނުވެދާނެކަމަށް. މިނިސްޓަރ ވިދާޅުވީ، މަސްވެރިކަމުގެ ތެރެއަށް ޒަމާނީ ޓެކްނޮލޮޖީ ގެންނައިރު ދިވެހި މަސްވެރިކަމާ އެންމެ ގުޅޭ މަސްވެރިންނަށް އެކަށޭނެ ޓެކްނޮލޮޖީއާއި ވަސީލަތްތައް ތަޢާރަފްކުރެއްވުމަށް ފިޝަޒީން މިނިސްޓްރީން މަސައްކަތް ކުރައްވާކަމަށް.