ކުޅިވަރު

ކުޑަހުވަދުއާއި މާޅޮސްވެސް އެންމެ މުޙިއްމު މެޗަށް


ފުރަތަމަ ދެ މެޗުގައި ހެދުނު މިސްޓޭކްތައް ރަނގަޅުކޮށް، މާދަމާރޭ މާޅޮސް ފެންނާނީ ކުރިއަށްވުރެ ވަރުގަދަ ޓީމެއްގެ ގޮތުގައިކަމަށް އެސިސްޓަންޓް ކޯޗް އަލީ ނިޝްތާރު ބުނެފިއެވެ. 

މާދަމާރޭ ކުޑަހުވަދޫއާއި ދެކޮޅަށް މާޅޮސް ނިކުންނައިރު ލީގުގައި މާޅޮސް ކުޅުނު ފުރަތަމަ މެޗުން އެޓީމްވަނީ ބަލިވެފައެވެ. އަދި ދެވަނަ މެޗުގެ ފަހު ފަސް މިނެޓުގައި މިލަންދޫން ޖެހި ދެ ލަނޑާއިއެކު ދެވަނަ މެޗުން މާޅޮހަށް ލިބުނީ ޕޮއިންޓެކެވެ. މާޅޮހުގެ އ.ކޯޗް އަލީ ނިޝްތާރު ބުނީ މިލަންދޫ މެޗުގައި ޓީމަށް ދިމާވި ފިޓްނަސް މައްސަލައަށް މިހާރު ކޮންމެވެސް ވަރެއްގެ ހައްލެއް ފެންނާނެކަމަށް އުއްމީދުކުރާކަމަށާއި، މާދަމާރޭވެސް ޓީމެއްގެ ގޮތުގައި ކުޅެ ކުޑަހުވަދޫ ބަލިކުރެވޭނެކަމަށެވެ. ކުޑަހުވަދޫއަކީ މާޅޮހާއި ހިލާފަށް އެކުގައި ގިނަ ދުވަސްތަކެއްވަންދެން ފަރިތަކޮށްފައިވާ ޓީމެއްކަމަށާއި، އެހެންކަމުން ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ނެތަސް ކުޑަހުވަދޫ ބަލިކުރަން ފަސޭހަ ނުވާނެކަމަށް އޭނާ ބުންޏެވެ. އޭނާއަށް ކޯޗިންގގައި ކުރިއަށްދާން ކިޔަވައިދެއްވި އެދުރު މުޙައްމަދު ޝިޔާޒް މޯހަންއާއި ދެކޮޅަށް މި މެޗުގައި ނިކުންނަން ޖެހުމަކީވެސް މެޗަށް ނިކުންނައިރު ސަމާލުވާނެކަމެއްކަމަށް ނިޝްތާރު ބުންޏެވެ. އޭނާ ބުނީ މިއީ ޓީޗަރަށް ދަރިވަރުގެ ފެންވަރު ދައްކާލަން ލިބޭ ރަނގަޅު ފުރުސަތެއްކަމަށެވެ.

ކުޑަހުވަދޫ ޓީމްގެ ކޯޗު މުޙައްމަދު ޝިޔާޒު ބުނީ މާދަމާރޭގެ މެޗަކީ ލީގުގައި އެޓީމް ކުޅޭނެ އެންމެ މުޙިއްމު އެއް މެޗު ކަމަށާއި، މިމެޗުތަކުން މޮޅުވާން ޖެހޭކަމަށެވެ. ލީގުގެ ތަންކޮޅެއް ކުރީގައި ނިންމާލުމަށް އަތޮޅުތެރެއިން މުބާރާތުގައި ވާދަކުރާ ޓީމްތައް އަތުން ޕޮއިންޓް ހޯދަން ޖެހޭކަމަށް ކުޑަހުވަދޫގައި ހުރެ މޯހަން ބުންޏެވެ. 

ކުޑަހުވަދޫ ޓީމް މެޗު ކުޅެން މާލެ އަންނާނީ މާދަމާ ހެނދުނެވެ.