ޚަބަރު

ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް 4 ބިލިއަން ޙަރަދުކޮށްފައިވޭ


ސްޓެލްކޯއިން މުޅި ރާއްޖެއަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ފާއިތުވި ތިން އަހަރު ދުވަހުގެތެރޭގައި ހަތަރު ބިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.

ކަރަންޓުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލައްވަމުން ޒުހޫރު ވިދާޅުވީ ކުރިން ސްޓެލްކޯގެ އެސެޓަކީ ދެ ބިލިއަން ރުފިޔާ ނަމަވެސް މި ސަރުކާރުން ފާއިތުވި ތިން އަހަރުދުވަހުގެތެރޭގައި އެ ޢަދަދު ހަތަރު ބިލިއަން ރުފިޔާ މައްޗަށް ޖައްސަވާފައިވާ ކަމަށެވެ. އެހެން ކަމުން އެއީ ސްޓެލްކޯއިން ދެމުންދާ ކަރަންޓުގެ ޢަދަދު ދެގުނަ އިތުރުވެގެންދިއުން ކަމަށް ޒުހޫރު ވިދާޅުވިއެވެ.

މާލެއާ އެއް ހަމައެއްގައި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ޕަވާރ ޕްލާންޓުތަކުންވެސް ރައްޔިތުންނަށް ލުއިފަސޭހަ އަގުތަކެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ކުރިން ނަގަމުންދިޔަ ސަރ ޗާޖް ނެގުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް އެންގެވި ހިސާބުން ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެން ގޮސްފައިވާއިރު، ސާރ ޗާޖް ނެގުން ހުއްޓާލުމާއެކު ވިހި ޕަސެންޓް ވަނީ އަގުހެޔޮވެފައެވެ. އެއާއެކު އާންމުކޮށް ފަސް ސަތޭކަ ރުފިޔާ ދައްކަންޖެހޭ ބިލަކުން ސަތޭކަ ފަންސާސް ރުފިޔާ އަގުހެޔޮވެފައިވާކަން ޒުހޫރު ވަނީ ފާހަގަކުރައްވާފައެވެ.

img:http://s1.psmnews.mv/images/660x400/14914129413521.jpg|ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޒުހޫރު- ފޮޓޯ: ޕީއެސްއެމް

މާލެއާ އެއްވަރަކަށް މާލެ ސަރަޙައްދުގައި ހިމެނޭ ހުޅުމާލޭގައި ފަންސާސް މެގަވޯލްޓުގެ ޕަވާރ ޕްލާންޓެއް އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ޒުހޫރު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުގެ ކުރިން އެތަނުގައި ބޭނުންކުރާ ކަރަންޓުގެ ޚިދުމަތް ފުޅާކުރަންޖެހޭކަމަށެވެ. އެހެންކަމުން މާލެ ހުޅުލެ ގުޅުވައިދޭ ބުރިޖާއެކު ކަރަންޓުގެ މުޅިން އައު ބެކަޕް ޕްލޭނެއްވެސް ހަދާނެ ކަމަށް ޒުހޫރު ވިދާޅުވި. އަދި އެ ޕްލޭނާއެކު މާލެއާ ހުޅުމާލެ އަދި ހުޅުލެވެސް ގުޅިލާމެހިގެންދާއިރު، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއަށް ލުއިތަކެއް ލިބޭނެ ކަމަށް ޒުހޫރު ވިދާޅުވިއެވެ.

މީގެ ކުރިން ކޮންމެ އަހަރަކުވެސް ސްޓެލްކޯއަށް ފަސްދޮޅަސް މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަން ފާހަގަކުރައްވާ އެކަމަށް ގޮންޖައްސަވަމުން ޒުހޫރު ވިދާޅުވީ ސްޓެލްކޯ އަކީ ފައިދާވާ ތަނެއްގެ ގޮތުގައި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހައްދަވާނެ ކަމަށެވެ. އަދި ސްޓެލްކޯއިން ކުރަމުންދާ ބޭކާރު ޚަރަދުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންގެންދަވާއިރު، ސްޓެލްކޯ އަކީ ޓެރިފް އިތުރަށް ބޮޑު ނުކޮށްވެސް ފައިދާވާ ތަނެއްގެ ގޮތުގައި ހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި މާލޭއާ އެއްވަރަށް ފަންސާސް މެގަވޮޓުގެ ޕަވާރ ޕްލާންޓެއް އެޅުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާއިރު، މާލޭގައި އަލަށް އާބާދުކުރާ އިންޑަސްޓްރިއަލް ވިލެޖުގައި ފަންސަވީސް މެގަވޮޓުގެ ޕަވާރ ޕްލާންޓެއް ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެއާއެކު މާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.