ޚަބަރު

ތަރައްޤީގެ 2 މަޝްރޫޢެއް ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފި


ކ.ކާށިދޫ ނެރު ހެދުމުގެ މަޝްރޫޢުއާއި، ލ.ފޮނަދޫ ބަނދަރުގެ އެއްގަމު ތޮށި ލުމުގެ ޢަމަލީ މަސައްކަތުގެ ކޮންޓްރެކްޓަރާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

މި ދެރަށުގެ ޢަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއެވެ.

ލ.ފޮނަދޫ ބަނދަރުގެ އެއްގަމު ތޮށި ލުމުގެ މަޝްރޫޢުގެ ދަށުން 166 މީޓަރުގެ އެއްގަމު ތޮށިލުމާއި، 12 މީޓަރުގެ ކޮންކްރީޓް ރޭމްޕެއް ހެދުމާއި ބަނދަރުގެ ލައިޓްޖެހުމާއި ޕޭވްމަންޓް ހެދުމާއި 21 މީޓާރުގެ ރިވެޓްމަންޓެއް ޖެހުން ހިމެނެއެވެ. މި މަޝްރޫޢުއަކީ ތޭރަ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢުއެކެވެ. މަޝްރޫޢުގެ މަސައްކަތް ނިންމުމަށް 380 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ކ.ކާށިދޫ ނެރުހެދުމުގެ މަޝްރޫޢުގެދަށުން 1200 މީޓަރުގެ އާ ނެރެއް ހެދުމާއި ނެރު ބައްތި ޖެހުމަށްވަނީ ހަމަޖެހިފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހަދާ އެންމެބޮޑު ނެރެވެ. މިމަޝްރޫއަށް 15 މިލިއަންނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ. މި މަސައްކަތް 338 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއެވެ. ސްރީލަންކާގެ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އޮޕްރޭޝަން މެނޭޖަރ މެހޭޝް ތެނުވާރްއެވެ.

ކ.ކާށިދޫގެ ނެރުހެދުމާއި، ލ.ފޮނަދޫ ތޮށި ލުމުގެ މަޝްރޫޢުއަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުތަކެކެވެ.