ކުޅިވަރު

ވޮލީ އެކްސްކޯއާއި ސީނިއަރ މެނޭޖްމަންޓްގެ ތެރޭގައި މައްސަލައެއް


ވޮލީބޯޅަ އެސޯސިއޭޝަންގެ އެކްސްކޯއާއި ސީނިއަރ މެނޭޖްމަންޓްގެ މެދުގައި ހިޔާލު ތަފާތުވެ، އެކުގައި ކުރިއަށް ދެވިދާނެތޯ ސުވާލުއުފެދިއްޖެއެވެ.

ވޮލޯބޯޅަ އެސޯސިއޭޝަންގެ އެކްސްކޯގެ މެމްބަރުންތަކެއް އިސްޠިއުފާދިން ކަމަށް އަޑުފެތުރުނު ނަމަވެސް އެކަން އެކްސްކޯ މެމްބަރު މުޙައްމަދު ޝާފީ ވަނީ ދޮގުކޮށްފައެވެ. ނަމަވެސް ސީނިއަރ މެނޭޖްމަންޓާއި އެކު މަސައްކަތްކުރުމުގައި ދަތިތަކެއް ހުރިކަމަށާއި، އެކަންކަން ހައްލުކޮށްގެން މެނުވީ ކުރިއަށްދާން އުނދަގޫވާނެކަމަށް ޝާފީ ވިދާޅުވިއެވެ. ޝާފީ ވިދާޅުވީ ސީނިއަރ މެނޭޖްމަންޓުން ބައެއް ކަންކަން ކުރާ ގޮތުން އެކްސްކޯއަށް އުނދަގޫވާކަމަށާއި، މަސައްކަތް ކުރަންވެސް އުނދަގޫވާނެކަމަށެވެ. އަދި ހަލެއް ނުލިބޭނަމަ ދުރަށްދާން ޖެހިދާނެކަމުގެ އިޝާރާތެއްވެސް ޝާފީ ވަނީ ދީފައެވެ. ރިސޯރޓް ވޮލީ މުބާރާތް ހިންގުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި ޝާފީ ވިދާޅުވީ ކުދިކުދި މައްސަލަތައް ޖެހެމުން ގޮސް މައްސަލަތައް ބޮޑަތިވެފައިވާކަމަށެވެ. 

" އެކްސްކޯއާއި މަޝްވަރާނުކޮށް ކުއްލި ނިންމުންތައް އެބަނިންމާ. ޚާއްޞަކޮށް ރައީސް ކަންތައް ކުރައްވާ ގޮތުން އުނދަގޫވޭ. މިވަގުތު ތަންކޮޅެއް ދުރުގައި މިތިބީވެސް. ނަމަވެސް މުބާރާތްތަކާއި ރޭވިފައި ހުރި ކަންކަން ކުރިއަށްދާނެ. ޕްރޮމިސްތަކާ އެއްގޮތަށް މަސައްކަތްކުރާނަން. ނަމަވެސް ހައްލު ނުވާނަމަ ދުރަށްދާން ޖެހިދާނެ " ޝާފީ ވިދާޅުވިއެވެ.

މައުލޫމާތު ލިބޭގޮތުގައި މިފަހަރު މައްސަލަ ދިމާވީ ރިސޯރޓް ވޮލީ މުބާރާތުގެ ޒޯން ފަހެއްގެ ފައިނަލް މެޗު ކުޅެން އެކްސްކޯގެ ބައެއް މެމްބަރުން ސޮނޭވާފުށްޓަށް އަރަން އެރިސޯރޓުން ހުއްދަ ނުދިނުމުން މެޗު ފަސްކުރި ހިސާބުންނެވެ. އެމައްސަލާގައި ސޮނޭވާފުށީގެ ކޯޗު އިބްރާހީމް ރަޝީދު (ސަތޯ) ސަސްޕެންޑްކުރަން ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވަނިކޮށް، އެނިންމުން ތަންފީޒުކުރުން ފަސްކުރަން އެޕީލް ކޮމިޓީން ނިންމުމުން މައްސަލަ ގޯސްވީކަމަށް މައުލޫމާތުލިބެއެވެ.

އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ އޭނާ އެއްވެސް ނިންމެވުމެއް ނުނިންމަވާކަމަށާއި، ސަތޯ ސަސްޕެންޑްކުރަން ޑިސިޕްލިނަރީ މޮކިޓީން ނިންމުމުން އެޕީލް ކޮމިޓީން އެނިންމުން ތަންފީޒުކުރުން ލަސްކޮށް، ފައިނަލް މެޗަށްފަހު އެމައްސަލަ އިތުރަށް ބަލަން ނިންމާފައިވަނީ މެޗު ފެށެން ދެތިން ގަޑިއިރަށް ވެފައިވަނިކޮށް ސަސްޕެންޝަން އައުމުން މަޞްލަހަތަށްވެސް ބެލުމަށްފަހު ކަމަށެވެ. 

އެކްސްކޯއާއި މެދު އޭނާގެ އެއްވެސް ހިތްހަމަނުޖެހުމެއް ނެތްކަމަށާއި، އެކުގައި މަސައްކަތް ކުރަން އަދިވެސް ބޭނުންވާކަމަށް ލަތީފް ވިދާޅުވިއެވެ.

" އަޅުގަނޑުގެ ނެތް އެއްވެސް މައްސަލައެއް. އަޅުގަނޑު އެއްވެސް ނިންމުމެއްވެސް ނުނިންމަން. އަޅުގަނޑު އެދެނީ އެއްވެސް ބޭފުޅަކު އިސްތިއުފާނުދެއްވާ މަސައްކަތްކުރުން " ލަތީފް ވިދާޅުވިއެވެ.

މައްސަލައަށްފަހުވެސް މެޗު ކުޅުނީ ސޮނޭވާފުށީގައެވެ. އަދި މެޗުގައި ސޮނޭވާފުށި ޓީމަށް ބެންޗުގައި އިނދެ އިރުޝާދު ދިނީވެސް ކޯޗު އިބްރާހީމް ރަޝީދު (ސަތޯ)އެވެ.