ޚަބަރު

އެމްއެމްއޭގެ މުސްތަޤިއްލުކަމަށް ރައީސް އިޚްތިރާމްކުރެއްވި- އަޒީމާ


މަރުކަޒީ ބޭންކުގެ މިނިވަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރެއްވި އިޙްތިރާމަށްޓަކައި ގަވަރުނަރުކަމުން އިސްތިއުފާދެއްވި ޑރ.އަޒީމާ އާދަމް، ރައީސް ޔާމީންއަށް ޝުކުރު އަދާކުރައްވައިފިއެވެ.

މަރުކަޒީ ބޭންކްގެ ގަވަރުނަރުކަމުން އިސްތިއުފާދެއްވިކަން އިޢުލާނުކުރައްވަމުން ޑރ.އަޒީމާ އާދަމް ވިދާޅުވީ، އެމް.އެމް.އޭގެ ގަވަރުނަރުގެ މަޤާމުގައި ހުންނެވި 3 އަހަރު ދުވަހުގެ މުއްދަތުގައި، މަރުކަޒީ ބޭންކްގެ މުސްތަޤިއްލުކަމާއި މިނިވަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޙްތިރާމް ކުރައްވާފައިވާކަމަށެވެ. އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާކުރައްވާކަމަށް ޑރ. އަޒީމާ އާދަމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅަށް ޑރ. އަޒީމާ ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

މަރުކަޒީ ބޭންކްގެ މިނިވަންކަމަށް ރައީސް ޔާމީން އިޙްތިރާމް ކުރެއްވިކަމަށް އެ ބޭންކްގެ ގަވަރުނަރުކަން ކުރެއްވި ބޭފުޅަކު ވިދާޅުވެފައިވާއިރު، ރާއްޖޭގައި ޤާއިމުވެފައިހުރި މިނިވަން މުއައްސަސާތަކާއި، ޖުޑީޝަރީގެ މުސްތަޤިއްލުކަން ސަރުކާރުން ކަށަވަރު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.