ޚަބަރު

މިނިސްޓަރ ޝައިނީ 3 ޤައުމެއްގެ ވަޒީރުންނާ ބައްދަލުކުރައްވައިފި


ތިން ޤައުމެއްގެ މަސްވެރިކަމާއި ބެހޭ ވަޒީރުންނާ ރާއްޖޭގެ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ ޑރ. ޝައިނީ ބައްދަލުކުރައްވާފައިވަނީ ދެކުނު އެފްރިކާއާއި ޕާކިސްތާނާއި ސީޝެލްސްގެ މަސްވެރިކަމާއިބެހޭ ވަޒީރުންނާއެވެ. މި ބައްދަލުވުންތަކަކީ އިންޑިއާ ކަނޑުގައި ބާނާ ކަޅުބިލަމަހާއި ކަންނެލީގެ ސްޓޮކް މަދުވަމުންދާތީ އެކަމަށް ހައްލެއް ގެނައުމަށްޓަކައި މަސްބޭނޭނެ ކޯޓާއެއް ކަނޑައެޅުމާއި ގުޅޭގޮތުން ދިވެހިރާއްޖެއިން އިސްނަގައިގެން މިމަހުގެ 17 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގައި ބާއްވާ މަޝްވަރާ ބައްދަލުވުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުންތަކެކެވެ.

މި ބައްދަލުވުންތަކުގައި ވަނީ މުސްތަޤުބަލުގައި އިންޑިއާ ކަނޑުގެ މަސްވެރިކަމުގެ ކަންކަން އިތުރަށް ފުޅާކުރުމަށް ދިވެހިރާއްޖެއާއި އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ޤައުމުތަކުގެ ގުޅުން އިތުރަށް ހަރުދަނާ ކުރާނޭގޮތްތަކާއިމެދު މަޝްވަރާކުރައްވާފައެވެ.

img:http://s4.psmnews.mv/images/660x400/15029474627323.jpg|މިނިސްޓަރ ޝައިނީ، ސީޝެލްސްގެ މަސްވެރިކަމާބެހޭ ވަޒީރާ ބައްދަލުކުރައްވަނީ / ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މިއަހަރުގެ މެއިމަހު ބޭއްވި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އެކާވީސްވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވަނީ، އިންޑިއާ ކަނޑުގެ މަސްވެރިކަމުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން އިންޑިއާ ކަނޑުން އެކި ޤައުމުތަކަށް މަސް ބޭނޭނެ އެންމެ މަތީ މިންވަރު ކަނޑައެޅުމާބެހޭ ޤަރާރެއް ހުށަހަޅާފައެވެ.

މިފަދަ ގަރާރެއް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، އިންޑިއާ ކަނޑުގެ މަސްވެރިކަން ދަށްވެއްޖެނަމަ ދިވެހިރާއްޖެ ފަދަ ޤައުމުތަކަށް މަސްވެރިކަން ކުރުމުގައި ކުރިމަތިވެދާނޭ ދަތިތަކުންނާއި މި ސިނާއަތުގެ މުސްތަޤްބަލަށް ހުރި ހިރާސްތައް ކުޑަކުރުންކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.