ސިއްހަތު

ޑައިގްނޯސްޓިކް ސެންޓަރުގެ 25ވަނަ ފަންގިފިލާގެ ޝީޓުއަޅައި ނިމިއްޖެ


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އާ ޢިމާރާތް ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ 25 ވަނަ ފަންގިލާގެ ޝީޓުއަޅައި ނިމިފައިވާކަމަށް އައިޖީމެޗުން ބުނެފިއެވެ. އަދި މިހާރު ކުރަމުންދަނީ އެޢިމާރާތުގެ ފުރާޅުގެ އެކި މަސައްކަތްތައްކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ.

އައިޖީއެމްއެޗްގެ ފަންސަވީސް ބުރީގެ ޑައިގްނޯސްޓިކް ސެންޓަރަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޮޑު އިންޤިލާބެއް ގެންނުވާނެ މަޝްރޫޢެކެވެ. އައިޖީއެމްއެޗުން މިހާރު ލިބޭ ޑޮކްޓަރަށް ދެއްކުމުގެ ހުރިހާ ޚިދުމަތަކާއި، އެކިއެކި ބޮޑެތި ބަލަތަކަށް ޓެސްޓްކޮށް ތަހުލީލުކުރުމުގެ ޚިދުމަތާއި، އަދި ޕްރީމިއަމް ހެލްތް ސަރވިސްގެ ޙިދުމަތް ތަޢާރަފް ކުރުމާއި، ސިއްޙީ ދާއިރާއާއި ގުޅުންހުރި މުހިންމު ކޮންފަރެންސްތައް ބޭއްވޭނެ އިންތިޒާމް ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރ އެންޑީއެސްއިން، ހަމަޖެހިގެންދާނެ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ.

އައިޖީއެމްއެޗްގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ، އަޙްމަދު މަޢުސޫމް ވިދާޅުވީ އެންޑީއެސްގެ މަސައްކަތްތައް އުޅޭނީ ޝެޑިއުލަށްވުރެ ދެމަހެއްހާ ދުވަސް ކުރީގައިކަމަށެވެ. އެގޮތުން މިހާރު ޢިމާރާތުގެ ކޮންކްރީޓް މަސައްކަތުގެ ނުވަދިހަ ފަހެއް އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި ގިނަ ފަންގިފިލާތަކުގެ އިންޓީރިއާ މަސައްކަތްތައް ފަށާފައިވާކަމަށް މަޢުސޫމް ވިދާޅުވިއެވެ. ނަވާރަ ވަނަ ފަންގިފިލާއާއި ހަމައަށް ރޭނުގެ އަށްޑިހައިންސައްތަ ނިމިފައިވާއިރު، ސަރާތަވަނަ ފަންގި ފިލައާއި ހަމައަށް ސިމެންތި ޖެހުމުގެ ހަތްދިހަ ފަސް އިންސަތަ މަސައްކަތް ވަނީ ނިމިފައެވެ.

ޢިމާރާތައް ބޭނުންވާ ކަރަންޓު ވަޔަރިންގގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ފަޔާރ ހޯސްރީލް އެޅުމުގެ މަސައްކަތާއި ހޮޅިތައް އެޅުމުގެ މަސައްކަތާއި ވޯލް ޕާރޓިޝަން އެޅުމުގެ މަސައްކަތުގެ ފަންސާސް އިންސައްތަ، ސާދަ ވަނަ ފަނގިފިލާއާއި ހަމައަށް ނިމިފައިވާކަމަށް މަޢުސޫމް ވަނީ ވިދާޅުވެފައެވެ. އަދި ފަންގިފިލާތަކަށް ކަރަންޓު އެޅުމުގެ މަސައްކަތްތަކާއި، އެއާރ ކޮންޑިޝަން އަދި މެޑިކަލް ގޭސް އިންސްޓޯލް ކުރުމުގެ މަސައްކަތްތައްވެސް ވަނީ ފަށާފައެވެ. ދޮޅުމަހުގެ ތެރޭގާއި ޢިމާރާތުގެ ބޭރުގެ އިންޓީރިއާއަށް ޖަހަންޖެހޭ ބިއްލޫރީގެ މަސައްކަތް ފަށާނެކަމަށްވެސް މަޢުސޫމް ވިދާޅުވިއެވެ.

މަޢޫސޫމް ވިދާޅުވީ ޢިމާރާތުގެ ޚިދުމަތައް ބޭނުންވާ މެޝިނަރީއާއި އިކުއިޕްމަންޓްތަކާއި، ފަރުނީޗަރަށް އޯޑަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީއާއި، ރައީސް އޮފީސް އައި އައިޖީއެމްއެޗް ގުޅިގެން އެކަމަށް ބޭނުންވާ ބަޖެޓާއި ބެހޭ މަޝްވަރާތައް ކުރިއަށް ގެންގޮސް ބަޖެޓް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.