ޚަބަރު

ދިވެހި ޙައްޖާޖީންނަށް މައްކާގައި އޮފީހެއް ޤާއިމްކޮށްފި


ދިވެހި ޙައްޖާޖީންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އޮފީހެއް މައްކާގައި ޤާއިމްކޮށްފިއެވެ. 

އިސްލާމިކް މިނިސްޓްރީން ވިދާޅުވި މި އޮފީހުން ހައްޖުވެރިންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެކަމަށެވެ. އެގޮތުން މި އޮފީހުން ހައްޖާޖީންނަށް ބޭސްފަރުވާ އާއި ،ގެއްލޭ މީހުން ހޯދައިދިނުމުގައި އެހިތެރިވާނެކަމަށް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މި އޮފީހަކީ ކޮންމެ އަހަރަކުވެސް ޙައްޖުވެރިންނަށް ހާއްސަކޮށްގެން މައްކާގައި ޤާއިމް ކުރާ އޮފީހެކެވެ.

މިއަހަރު ރާއްޖެއިން ދިޔަ ހައްޖުވެރިންގެ ތެރެއިން ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން މަދީނާއިން އެބުރި މައްކާއަށް ގޮސްފައިވާކަމަށާއި، އެހެން ގުރޫޕްތަކުގެ ހައްޖުވެރިންވެސް ވަރަށް އަވަހަށް މައްކާއަށް ދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ހައްޖުވެރިން މަދީނާއަށް ގޮސްފައިވަނީ މިމަހުގެ ސާދަ ވަނަ ދުވަހުއެވެ.

މިފަހަރު ސަޢުދީ އަރަބިއްޔާއިން ވަނީ 1000 ހައްޖު ކޯޓާ ރާއްޖެއަށް ދީފައެވެ. މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް މިމަހުގެ ހަތްވަނަ ދުވަހު ވަނީ ފުރަން ފަށާފައެވެ. ޙައްޖު ކޯޕަރޭޝަނާއި އިތުރު 3 ގުރޫޕަކުން މިފަހަރު މީހުން ޙައްޖަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ޒަޢީ ގުރޫޕާއި، އަލް ޙަރަމައިންގެ އިތުރުން ސިސިލްފަރު ޙައްޖު ގުރޫޕް ހިމެނެއެވެ..

ހައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމަށް ޖިއްދާގެ އެއަރޕޯޓުގައި ދިވެހީންނަށް ޚާއްސަ އިމިގްރޭޝަން ކައުންޓަރެއް ޤާއިމްކޮށްފައެވެ.