ޚަބަރު

އިސްމާއިލް މަރާލުމުގައި ޝުމަން މިއާ ނޫން މީހަކު ބައިވެރިއެއްނުވޭ!


16 ޖޫން 2017 ވަނަ ދުވަހު ހއ.އިހަވަންދޫ އައިސް ޕްލާންޓްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު ޅ.ހިންނަވަރު، އިސްމާޢީލް ޢުމަރު މަރާލީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝުމަން މިއާ ކަމަށާ، އޭނާ ނޫންމީހަކު މިޖަރީމާ ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވެފައި ނުވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިމައްސަލައިގެ ތަހްޤީޤް ކުރިއަށްގެންދިޔަގޮތާއި، މިޙާދިސާ ހިނގަދިޔަގޮތް ދައްކުވައިދޭ ވިޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައެވެ.

މި ވީޑިއޯ ޕްރެޒެންޓޭޝަނުގައި ބުނެފައިވަނީ ޝުމަން މިއާ މިކަންކުރީ އިސްމާޢީލް އުމަރު އޭނާއާމެދު ކަންތައްތައް ކުރާގޮތުން ހިންހަމަނުޖެހިގެންކަމަށާ، އިސްމާޢީލް އުމަރު މަރާލުމަށްފަހު އޭނާގެ ފައިސާބޭނުންކޮށްގެން ފިލައިގެން އޭނާގެ ޤައުމަސް ދިއުމަށް ޝުމަންމިއާ ރާވާފައިވާކަމަށެވެ.

ޝުމަންމިއާއަކީ މީހަކާއިނދެގެން އުޅޭމީހެއްކަމަށާ، ބަންގްލަދޭޝްގައި ދިރިއުޅޭ އޭނާގެ އަންހެނުންނާމެދު މައްސަލަތަކެއް ޖެހި، ވަރަށްގިނައިން އޭނާއަށް ފޯނުންގުޅައި، މަސައްކަތުގެ ވަގުތުތަކުގައިވެސް މިކަމުގައި ޝުމަންމިއާ ވަގުތު ހޭދަކުރާތީ އިސްމާޢީލް ޢުމަރު އެކަންމާ ހިތްހަމަނުޖެހުން ފާޅުކޮށްފައިކާމަށް ފުލުހުންގެ ވީޑިއޯ ޕްރެޒެންޓޭޝަނުގައި ހާމަކޮށްފައިވެއެވެ. އިސްމާޢީލް ޢުމަރު މަރާންލަން ޝުމަންމިއާ ނިންމީ މަސައްކަތުގެ ވަގުތު ހުންނަގޮތުންނާއި، އިސްމާޢީލް ޢުމަރު އޭނާއާމެދު ކަންތައްތައްކުރާގޮތުން އޭނާގެ އަންހެނުންނާ މައްސަލަޖެހި އަންހެނުން ގެއިން ނުކުމެގެން ދިއުމުގެ ސަބަބުން އެކަމުގެ ހިތްހަމަނުޖެހުމުގައި، ބަދަލުހިފުމުގެ ރޫޙުގައިކަމަށްވެސް ފުލުހުންވަނީ ހާމަކޮށްފައެވެ.

އިސްމާޢީލް ޢުމަރުގެ މަރާ ގުޅިގެން ހައްޔަރުކުރި 5 ބިދޭސީންގެ މައްސަލައިގެ ތަހުޤީގް ނިންމައި އެމީހުންގެ މައްޗަށް ދަޢުވާ ކުރުމަށް އެ މައްސަލަ ފުލުހުން ވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައެވެ.