ކުޅިވަރު

ޔޫރަޕްގެ ގަދަ ތިނެއް : ރޮނާލްޑޯ، މެސީ އަދި ބުފޮން


ޔޫއެފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ވާދަކުރާ ތިން ކުޅުންތެރިންގެ ނަން އިއުލާންކޮށްފިއެވެ. 

މިދިޔަ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރަނީ ރިއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ، ބާސެލޯނާގެ ފޯވާޑް ލަޔަނަލް މެސީ އަދި ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަން ލުއިޖީ ބުފޮންއެވެ. 

ރިއާލް މެޑްރިޑާއިއެކު ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ދެވަނަ ފަހަރަށް އަދި ލަލީގާވެސް އުފުލާލާފައެވެ. ވާދަވެރި މެސީއަށް މިދިޔަ ސީޒަންގައި އުފުލާލެވުނީ ކޮޕަޑެލްރޭ ފުޓްބޯޅަ މުބާރާތް އެކަންޏެވެ. ޔުވެންޓަސްގެ ކެޕްޓަން ބުފޮން ވަނީ އިޓަލިއަން ކަޕާއި، ސެރީއޭ ޔުވެންޓަސްއާއިއެކު އުފުލާލާފައެވެ. 

ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ގަދަ ތިނެއް އިއުލާންކުރިއިރު، ގަދަ ދިހައެއްގައި ހިމެނޭ ހަތް ކުޅުންތެރިންވެސް ވަނީ އިއުލާންކޮށްފައެވެ. 

ލިސްޓުން ހަތަރުވަނަ ލިބެނީ ރިއާލް މެޑްރިޑްގެ ލޫކާ މޮޑްރިޗަށެވެ. އެޓީމްގެ ޓޮނީ ކްރޫސްއަށް ފަސްވަނަ ލިބުނުއިރު، ހަވަނައަކީ ޔުވެންޓަސްގެ ޕައުލޯ ދިބާލާއެވެ. ހަތްވަނަ ލިބުނީ ރިއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށެވެ. އަށްވަނަ އަކީ މޮނާކޯގެ ކައިލިއަން އެމްބާޕޭއެވެ. ލިސްޓުގެ ގަދަ ދިހައެއް ފުރިހަމަކުރާ އަނެއް ދެ ކުޅުންތެރިންނަކީ ބަޔާން މިޔުނިކްގެ ރޮބާޓް ލެވަންޑޯވްސްކީއާއި މެންޗެސްޓާރ ޔުނައިޓެޑަށް މިދިޔަ ސީޒަންގައި ކުޅުނު ޒްލަޓާން އިބްރަހިމޮވިޗެވެ. 

ޔޫއެފާގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވަނީ ޔޫރަފްގެ 80 ކޯޗުންނާއި، 55 ނޫސްވެރިން ހިމެނޭ ޖަޖިން ޕެނަލްއަކުންނެވެ. މިދިޔަ ސީޒަންގެ މޮޅު ކުޅުންތެރިޔާ އިއުލާންކުރާނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ.