ޚަބަރު

ރައީސް ދެއްކެވި ވާހަކަފުޅު ބަޔަކު ދަނީ އޮޅުވާލަމުން- ޕީޕީއެމް


ރުމާލު ދޭއް ނަމުގައި ޕީޕީއެމްއިން ރޭ ހުޅުވި ޖަގަހައިގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅު ރައްޔިތުންނަށް ހެޔޮނޭދޭ ބަޔަކު އޮޅުވާލައިގެން ދައްކަމުން އަންނަ ކަމަށް ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްއިން ބުނެފިއެވެ. 

ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގެ ތެރެއިން އޮޅުވާލައިގެން ދައްކަމުންދާ ވާހަކަ ކަމަށް ޕީޕީއެމްއިން ބުނެފައިވަނީ "އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާއަކީ ޝައްކެއްވެސް ނެތް ގޮތުގައި ޙަލާލް ފައިސާއެއް ނޫން" ކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުއެވެ. ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީން އެފަދަ މޭރުމަކުން ވާހަކަދެއްކެވީ އަލްޖަލްޒީރާއިން ދެއްކި ސްޓީލިން ޕެރެޑައިސް ރިޕޯޓާ ގުޅުވައިގެން ކަމަށެވެ. އަދި އެ ރިޕޯޓް ހަދާފައިވަނީ އިދިކޮޅު ފަރާތްތަކުން ފަންޑުކޮށްގެން އަލްޖަޒީރާގައި މިހާރު މަސައްކަތް ކުރަމުން އަންނަ ވިލް ޖޯޑަން ކަމަށާއި އޭނާއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ދިވެހި ރައްޔިތުންނާއިމެދު ހިންގި ލާއިންސާނީ ޢަމަލުތަކަށް ފަސްއަޅައި ޕްރޮޕެގެންޑާ ފެތުރުމަށް ދިވެހި ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރައެއް ދީފައި ރައީސް އޮފީހަށް ގެނެސްފައި ހުރި މީހެއް ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައިވަނީ ބުނެފައެވެ. 

ޕީޕީއެމްއިން ބުނީ ރުމާލު ދޭއް ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކީ ސްޓީލިން ޕެރެޑައިސްގައި ބުނެފައިވާ ގޮތަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފައިސާއަކީ ޙަލާލް އެއްޗަކަށް ނުވާނަމަ، އަދީބުގެ ފަރާތުން ފައިސާ ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ ފައިސާއަކީ ޙަލާލް އެއްޗެއްތޯ ސުވާލު އުފައްދަވަމުން ގެންނެވި ވާހަކަފުޅެއްކަން ރައީސް ރޭ ދެއްކެވި ވާހަކަފުޅު އަޑުއަހާލުމުން ހާމަވެގެންދާނެ ކަމަށެވެ. ޕީޕީއެމްއިން ވަނީ ރައްޔިތުންގެ މެދުގައި ފިތުނަވެރިކަން އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ދޮގު ވާހަކަތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައެވެ.