ތަޢުލީމު

އައިޔޫއެމް އާއި ޔޫކޭއެމް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި މެލޭޝިއާގެ ޤައުމީ ޔުނިވަރސިޓީ އާއި ދެމެދު ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު، މެލޭޝިއާގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރޓީ (އައި.ޔޫ.އެމް) އާއި މެލޭޝިޔާ ގެ ޤައުމީ ޔުނިވަރސިޓީ، ޔުނިވަރސިޓީ ކެބަންގްސާން މެލޭޝިޔާ (ޔޫ.ކޭ.އެމް) އާއި ދެމެދު ސޮއި ކުރެވުނު އެއްބަސްވުމުގައި ހިމެނެނީ ދެ ޔުނިވަރސިޓީ ގުޅިގެން، ދަރިވަރުންގެ ތަޢުލީމާއި ތަޖުރިބާ އިތުރު ކުރުމަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެކިއެކި ޙަރަކާތްތަކެވެ. އެގޮތުން ދެ ޔުނިވަރސިޓީ ދެމެދު ފެކަލްޓީ އެކްސްޗޭންޖް ޕްރޮގަރާމްގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއި، ރިސަރޗްގެ ދާއިރާއާއިގުޅޭ ޕްރޮޖެކްޓުތައް ހިންގުމާއި، ބޭނުންތެރި ދާއިރާތަކުން ކުރު މުއްދަތުގެ ޢިލްމީ ޕްރޮގަރާމްތައް ހިންގުމުގެ އިތުރުން އިންޓަރނޭޝަނަލް ކޮންފަރެންސްތަކާއި، ސިމްޕޯޒިއަމްތަކާއި، ސެމިނަރ ހިންގުމަށް އެއްބަސްވެފައިވެއެވެ. މި އެއްބަސްވުމުގެދަށުން 2 ޔުނިވަރސިޓީ ގުޅިގެން، މުވައްޒަފުންނަށް، ތަމްރީނާއި ތަޖުރިބާ ލިބިގަތުމުގެ ޕްރޮޖެކްޓްތައް ހިންގުމަށްވެސް އެއްބަސްވެފައިވެއެވެ.

ޔުނިވަރސިޓީ ކެބަންގްސާން މެލޭޝިއާ ގައި ބޭއްވީ ޚާއްޞަ ޙަފްލާއެއްގައި މި ތާރީޚީ އެއްބަސްވުމުގައި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއި ކުރީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ޔުނިވަރސިޓީ ކެބަންގްސާން މެލޭޝިއާ ގެ ފަރާތުން ސޮއި ކުރީ ޑެޕިއުޓީ ވައިސް ޗާންސެލަރ އެކެޑެމިކް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ޕްރޮފެސަރ ޑރ. ރިޒާ އާތިޤް ބިން އޮރޭންގް ކާޔާ ރަޙްމަތްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައި.ޔޫ.އެމް ގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދެ ޔުނިވަރސިޓީގެ ދަރިވަރުންނާއި، މުވައްޒަފުންގެ ތަޢުލީމަށާއި، ދެ ޔުނިވަރސިޓީގެ ތަރައްޤީއަށް ގިނަ ކުރިއެރުންތަކާއި އެހީތެރިކަން ލިބިގެންދާނެކަމަށެވެ. މެލޭޝިއާގެ ތަޢުލީމީ ނިޒާމަކީ ފުރިހަމަ ނިޒާމެއްކަމަށާއި، އެ ޤައުމުން ތަޢުލީމު ޙާސިލްކޮށްފައިވާ ދިވެހި ދަރިވަރުން، ދިވެހި މުޖުތަމަޢަށާއި ރާއްޖޭގެ ތަރައްޤީއަށް ޚިދުމަތްކުރަމުން ދާކަން ފާހަގަކުރައްވައި އޭނާ ވަނީ ޔޫ.ކޭ.އެމް ފަދަ ޔުނިވަރސިޓީ އަކާއިއެކު އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ޔޫ.ކޭ.އެމް ގެ ވެރިންނާއި، މުވައްޒަފުންނާއި، ދަރިވަރުންނަށް ޝުކުރު ދަންނަވާފައެވެ.

ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި މެލޭޝިއާ ގެ ޤައުމީ ޔުނިވަރސިޓީ އާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރެވިގެންދިޔައިރު، އައި.ޔޫ.އެމް ގެ ދަރިވަރުންގެ އުއްމީދުތައް ކުރިއަށްވުރެ އިތުރުވެފައިވާކަމަށާއި، ތަޢުލީމީ މީހުން ބިނާކުރުމުގެ އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ޑރ. ޝަހީމް ކުރިން ވަނީ ވިދާޅުވެފައެވެ.

އައި.ޔޫ.އެމް އިން ހުޅުމާލޭގައި ޢިމާރާތްކުރާ ވަޤުފް ޢިމާރާތާއި ގުޅޭގޮތުން ޕީ.އެސް.އެމް އަށް ދެއްވި އިންޓަރވިއުގައި ޝަހީމް ވިދާޅުވީ އައި.ޔޫ.އެމް ގެ ޢަމާޒަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ މި ސަރަޙައްދުގެ ލީޑިންގް ޔުނިވަރސިޓީއަކަށް ހެދުން ކަމަށާއި، އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ މިއަދު މިވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު އާއި، އިސްލާމިކް ޔުނިވަރސިޓީ ބުރުނާއީ ފަދަ ބައިނަލްއަޤްވާމީ އެކިއެކި އިސްލާމިކް ޔުނިވަރސިޓީތަކާއި ގުޅުވާލެވިފައި ކަމަށާއި، މި ޔުނިވަރސިޓީތަކާއިއެކު މިހާރު ވަނީ އެއްބަސްވުން ޤާއިމުކޮށް، ސޮއިކުރެވިފައި ކަމަށް ޝަހީމް ވިދާޅުވިއެވެ. މި ޔުނިވަރސިޓީތަކުން ތަޢުލީމާއި ތަޖުރިބާ، އައި.ޔޫ.އެމް އާއު ޙިއްސާކުރަމުންދިއުމަކީ އައި.ޔޫ.އެމް ގެ ދަރިވަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލަކާއި ކުރިއެރުމެއްކަމަށް އެނާ ފާހަގަކުރެއްވިއެވެ.