ތަޢުލީމު

ކެރިއަރ އެކްސްޕޯ އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފި


ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ "މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017" އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފިއެވެ.

2016ވަނަ އަހަރުންފެށިގެން އަސަރީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ލަންކާ އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް ގުޅިގެން ބާއްވަމުންއަންނަ "މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ" އަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބެންހުރި މަތީ ތަޢުލީމާއި ތަމްރީނާއި ޢިލްމީ ދާއިރާއާ ގުޅޭ މަޢުލޫމާތު ދިވެހިންނަށް ފޯރުކޮށްދިނުމަށް ބާއްވާ އެކެސްޕޯއެއެކެވެ. މިއީ މިފަދަ ދެވަނަ އެކެސްޕޯއެވެ.

މި އެކްސްޕޯގައި އިންޑިއާ، ސްރީލަންކާ، ސިންގަޕޯރ، މެލޭޝިއާ، ޔޫކޭއިން މި ޤައުމުތަކުން 60އަށް ވުރެ ގިނަ އިންސްޓިޓިއުޓްތަކުން ބައިވެރިވާނެކަމަށް އެކްސްޕޯ އިންތިޒާމްކުރާ އަސަރީ ސަރވިސަސްއިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ރާއްޖޭގެ ކޮލެޖް އިންސްޓިޓިއުޓްތަކުންވެސް މިއެކްސްޕޯގައި ބައިވެރިވާނެއެވެ. މި އެކްސްޕޯގެ މަޤުސަދަކީ މަތީ ތަޢުލީމު ޙާސިލުކުރުމަށްޓަކައި ބޭނުންވާނެ ކެރިއަރ ގައިޑެންސާއި ސްކޮލަރޝިޕްތަކާއި ގުޅޭ ފުރުސަތުތަކާއި ބެހޭ މަޢުލޫމާތު ޢާއްމުނަށް ފޯރުކޮށްދިނުންކަމަށް އަސަރީ ސަރވިސަސްއިން ބުނެއެވެ.

މިދިޔަ އަހަރު ބޭއްވި މިފަދަ އެކްސްޕޯގައި ކުރިއަށްގެންދިޔަ ޕަރސަނަލިޓީ ޑިވެލޮޕްމެންޓް ވޯކްޝޮޕް މިއަހަރުވެސް އޮންނާނެކަމަށާ މި ވޯކްޝޮޕްގެ ސަބަބުން ވަޒީފާތަކަށް ކުރިމަތިލާ މީހުންނާއި މިހާރު ވަޒީފާތަކުގައި އުޅޭ މީހުންނާއި އެކްސްޕޯއަށް ޒިޔާރަތްކުރާ ދަރިވަރުންނަށް ޝަޚުސިއްޔަތު ބިނާކުރުމާ ގުޅޭ މަޢުލޫމާތު ލިބިގެންދާނެކަމަށް ފެއަރ އިންތިޒާމްކުރަ ފަރާތުން ބުނެއެވެ.

ތަޢުލީމަށްޓަކައި ފަންޑު ބޭނުންވާފަރާތްތަކަށް އެމަޢުލޫމާތުވެސް އެކްސްޕޯގެ ތެރެއިން ލިބިގެންދާނެެއެވެ.