ޚަބަރު

އިންޑިޔާގެ މިނިވަންދުވަސް ފާހަގަކުރުމަށް ޚާއްޞަ ޙަރަކާތްތަކެއް


އިންޑިއާގެ 70 ވަނަ މިނިވަންދުވަސް ފާހަގަކުރުމުގެގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގައި ޚާއްސަ ހަރަކާތްތަކެއް ހިންގައިފިއެވެ.

މިހަރަކާތްތައް ފަށާފައިވަނީ މިއަދު ހެނދުނު އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ސަފީރުވަނީ އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށް އިންޑިއާގެ ރައީސް ފޮނުއްވި މެސެޖު ރައްދުކޮއްދެއްވާފައެވެ. މި މެސެޖުގައި ރައީސް ވަނީ އިންޑިއާ މިނިވަންކުރުމުގައި އެޤައުމުގެ ފަހުލަވާނުން ވީޤުރުބާނީގެ މަތިން ހަނދާން އާކުރައްވައި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ހިފެހެއްޓެވެވުމަށް ގޮވާލައްވާފައެވެ. އަދި މީގެ އިތުރުން ކޮންމެ ފަރުދަކުވެސް ޤައުމު ހިމާޔަތް ކުރުމުގައި ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުން ބައިވެރިވެފައިވާއިރު މިނިވަންދުވަހުގެ މުނާސަބަތުގައި އިތުރު ހަރަކާތްތަކެއް ބާއްވަން ހަމަޖެހިފައިވާކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން މަޢުލޫމާތުދެއެވެ.