ޚަބަރު

ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ރައީސް ގޮވާލައްވައިފި


ބޮޑެތި ޢަދަދުތަކުން ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުން އެހުރިހާ ފައިސާއެއް ދެއްކުމަށާ، މި ފަސް އަހަރު ދުވަހުގެ ދައުރުގެ ތެރޭގައި އެ ފައިސާތައް ދައުލަތަށް ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޙަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ވޭތުވެދިޔަ ތަނުގައި ކުރެއްވި ބައެއް މުހިންމު މަސައްކަތްޕުޅުތަކަށާއި ކުރިއަށްއޮތް ދުވަސްތަކުގައި ކުރައްވަން ކަނޑައަޅުއްވާފައިވާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތަށް ބޮޑު ޢަދަދުތަކުން ފައިސާ ދައްކަވަންޖެހޭ ފަރާތްތަކުން އެ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.

ދާދި ފަހުން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުން އެ ފައިސާ ހޯއްދެވުމުގެ މަސައްކަތް ކުރާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި އެކޮމިޝަނުން ނުބައްލަވާނެ އެއްވެސް މައްސަލައެއް ނޯންނާނެކަމަށެވެ.

ފަސް މިލިއަނަށް ވުރެ މަތިން ދައުލަތަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކުގެ އަތުން އެ ފައިސާ ހޯއްދަވާނެކަމަށާއި، އެމަނިކުފާނުގެ އުންމީދަކީ މިއަހަރު ނިމުމުގެކުރިން އެ ފައިސާ ދައުލަތަށް ވެއްދުންކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ކޮރަޕްޝަން ނައްތާލަން އެހީތެރިވެދެއްވުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާ ގޮވާލެއްވުން އަނެއްކާވެސް ތަކުރާރުކުރައްވާފައެވެ. އަދި މީގެ ކުރިން ހިނގާފައި ހުރި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ފައިސާ ހޯދުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ރައީސްވަނީ އެދިވަޑައިގެންފައެވެ. ދައުލަތަށް ފައިސާ ދައްކަން ނުޖެހޭކަމަށް އެފަރާތަކަށް ޤަބޫލުކުރެވޭނަމަ އެކަން ޝަރީއަތަށް ސާބިތުކޮށްދެއްވުމަށްވެސް ރައީސް ގޮވާލެއްވިއެވެ.

ރައީސް ޔާމީން ވަނީ ދައުލަތަށް ދައްކަންޖެހޭ ބޮޑެތި ޢަދަދުތަކުގެ ފައިސާ ނުދެއްކުމަށް ބައެއް ސިޔާސީ ލީޑަރުން އެފަރާތްތަކަށް ހިތްވަރު ދެއްވަމުން ގެންދާކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިނގި ޚިޔާނާތުގެ ފައިސާ ހޯއްދަވާނެކަމަށް ވިދާޅުވާ ވިދާޅުވުންވެސް ތަކުރާރުކުރައްވާފައެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ގެއްލުނު ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންނެވިކަމަށް ތުހުމަތުކުރާތީ އެމަނިކުފާނުގެ އަބުރު ސަލަމާތްކުރައްވަންވެސް އެ ފައިސާ އަނބުރާ ދައުލަތަށް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބަށް ސަލާމަތްވެވެން އޮތީ ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކައިގެންކަމަށް ވިދާޅުވިއެވެ. ޕީޕީއެމުން  ގިނަ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވިކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އަދީބުގެ ކޮރަޕްޝަން ފައިސާއިން ޚަރަދުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންކޮން މެންބަރުންނެއް އިންތިހާބުކުރަންތޯ ބަލަންޖެހޭކަމަށާއި، އަދީބުގެ ފައިސާ ހޭދަކޮށްގެން އިންތިޚާބުވި މެންބަރުން، މެންބަރުކަމުން އިސްތިއުފާދެއްވައި އަމިއްލަ މަސައްކަތްތަކުން އަލުން އިންތިޚާބުވުމަށް ރައީސް ގޮވާލެއްވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ މި ހުރިހާ ފައިސާވެސް ދައުލަތަށް ހޯއްދަވައިދެއްވުންކަމަށެވެ. އަދި މި ފައިސާ ދައުލަތަށް ލިބިއްޖެނަމަ މިއީ ރާއްޖޭގެ ތަރައްޤީއަށް ހޭދަ ކުރެވޭނެ ފައިސާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.