ޚަބަރު

ދިރާސީ އާ އަހަރު ފަށާނީ އިންޤިލާބީ ބޮޑު ބަދަލަކާއެކު- ރައީސް


އަންނަ އަހަރުގެ ދިރާސީ އައު އަހަރު ފަށާނީ އިންޤިލާބީ ބޮޑު ބަދަލަކާއެކުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕީއެމްގެ މައި ޖަގަހަ ހުޅުވުމަށް ބޭއްވި އެޕާޓީގެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހަ ހުޅުވުމަށް ބޭއްވި އެޕާޓީގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އަންނަ އަހަރު ތަޢުލީމީ ނިޒާމަށް ގެންނަވާނެ އިންޤިލާބީ ބޮޑު ބަދަލުގެ ވާހަކަ ތަފްސީލްކޮށްދެއްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ ތަޢުލީމީ ނިޒާމަށް ޒަމާނީ ޓެކްނޮލޮޖީ ތައާރަފް ކުރަންޖެހޭ ކަމަށާ، އެގޮތުން އަންނަ އަހަރުގެ ދިރާސީ އާ އަހަރު ފެށިގެންދާއިރު ދަރިވަރުން މިހާރު ކިޔަވަމުން އަންނަ ޓެކްސްޓް ފޮތްތަކުގެ ބަދަލުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އޮޓޮމޭޓް ނިޒާމެއް ތަޢާރަފް ކުރައްވާނެކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ތަޢުލީމީ ނިޒާމަށް ގެންނަވާ މި އިންޤިލާބީ ބަދަލުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ. ހުރިހާ ދަރިވަރުންނަކީ ފޮތް ކިއުމަށް އަހުލުވެރި ބަޔަކަށް ނުވާނެކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެކުދިންނަކީ ޓެކްސްޓް ފޮތްތަކުގެ ބަދަލުގައި ޓެކްނޮލޮޖީއަށް އަހުލުވެރި ދަރިވަރުންނަށް ހެދިދާނެކަމަށެވެ. އައު ޓެކްނޮލޮޖީގެ އިޖާދުތައް ތަޢުލީމުގެ ތެރެއަށް ތަޢާރަފްކުރައްވާނެކަމުގެ އުފާވެރި ޚަބަރު ކިޔަވާ ދަރިވަރުންނަށް ދެއްވަމުން، ރައީސް ވިދާޅުވީ، ތަރުބަވީ ތަޢުލީމްގެ ތެރެއިން ފޮތްތަކުން އުނގެނޭ އެއްޗެއްގެ އިތުރަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭން ޖެހޭކަމަށެވެ. އެގޮތުން ސަރުކާރުން ފަށްޓަވާފައިވާ ބީޓެކް ޕްރޮގްރާމާއި ދަސްވާރުގެ ކާމިޔާބީއަށް ރައީސް ބައްލަވާލެއްވިއެވެ. ރައީސް ޔާމީން ވިދާޅުވީ، ކޮންމެ ދަރިވަރަކީވެސް ބޭނުންތެރި ހުނަރުވެރި ދަރިވަރަކަށް ހައްދަވާނެކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ތަޢުލީމީ ޤާބިލް މުދައްރިސުން ތަމްރީން ކުރުމަށް ސަރުކާރުން ކުރިއަށް ގެންދަވާ ޕްރޮގްރާމަށްވެސް ބައްލަވާލެއްވިއެވެ. އެގޮތުން މި ސަރުކާރުގެ ފާއިތުވި ދުވަސްތަކުގައި އެންމެ އާދައިގެ ޓީޗަރަކީވެސް ޑިޕްލޮމާ ފެންވަރުގެ ޓީޗަރުންނަށް ހެއްދެވުމަށް ފެށްޓެވި ޕްރޮގްރާމް ކާމިޔާބުކަމަށް ވިދާޅުވިއެވެ. އަދި މި ފަސް އަހަރު ނިމުމުގެ ކުރިން އެ ހުރިހާ ޓީޗަރުންނަކީ ޑިގްރީ ފެންވަރުގެ ޓީޗަރުންކަމުގައި ހައްދަވާނެކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ތަޢުލީމް ހާސިލްކޮށްގެން ނިކުންނަ ޒުވާން ކުދިންނަށް ސަރުކާރުން ހުޅުވާލާ ސްކޮލަރޝިޕްގެ ފުރުޞަތު އަންނަ އަހަރު އިތުރުކުރައްވާ، އެފަދަ ސްކޮލާރޝިޕްތަކަށް ކުރައްވާ ފައިސާގެ ހޭދަވެސް އިތުރުކުރައްވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، ތަޢުލީމީ ދާއިރާއިން ފަސް އަހަރު ދުވަހުގެ ތެރޭގައި ހާސިލްކުރައްވަން އަމާޒު ހިފި ގިނަ ކަންކަން ކާމިޔާބުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ތަޢުލީމީ ދާއިރާ އިތުރަށް ތަރައްޤީކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަންވެސް ފާހަގަކުރެއްވިއެވެ.

ކިޔަވައިގެން ނިކުންނަ ޒުވާން ޖީލަކީ މަސްޢޫލިއްޔަތު އުފުލާވަރުގެ ޤާބިލް ޒުވާން ޖީލަކަށް ހައްދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.