ޚަބަރު

ވ.އަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތައް ދަނީ އެކުލަވާލަމުން


އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި ވޯލްޑް ބޭންކްގެ އެހީގައި ވ.އަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ރައީސް ޢަބްދުﷲ ޔާމިނާއި މި ސަރުކާރަށް އޮތް ތާޢީދު ހާމަކުރުމުމުގެ ގޮތުން ބޭއްވި "ތަރައްޤީއާއިއެކު ރައްޔިތުން" ޚާއްސަ ޙަރަކާތުގެ ތެރެއިން ވާވު އަތޮޅު ކެޔޮދޫގައި ބޭއްވި ހަރަކާތުގައި ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވަނީ ބައިވެރިވަޑައިގެންފައެވެ. މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން މިނިސްޓާރ އަޙްމަދު މުނައްވަރު ވިދާޅުވީ މާލެ ސަރަޙައްދުގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި ވާވު އަތޮޅު ވަރަށް ބޮޑު ރޯލެއް އަދާކުރާކަމަށެވެ. އެގޮތުން މިހާރުވެސް ތަރައްޤީގެ ބޮޑެތި ބަދަލުތަކެއް އެ އަތޮޅަށް ސަރުކާރުން ގެނެސްފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/15028006523043.jpg|ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވ. އަތޮޅުގައި ކުރިއަށްދިޔަ ހަރަކާތެއްގެ ތެރެއިން / ފޮޓޯ: ޓްވިޓަރ

މި ސަރުކާރުގެ އަމާޒަކީ މާލެއަށް އަންނަ ތަރައްޤީ މާލެއާ ކައިރި އަތޮޅުތަކާއިއެކު ލާމެހިގެން ދިއުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ސަރުކާރަކީ ރަށުގެ ކުޑަބޮޑުމިނަށާއި، އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި ކޮންމެ ރަށަކަށްވެސް ތަރައްޤީގެނައުމުގެ މަސައްކަތް ކުރަމުންއަންނަ ސަރުކާރެއްކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން ސިއްޙީ އަދި ތަޢުލީމީ ދާއިރާއަށް ތަރައްޤީ ގެނައުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ކުރަމުންއަންނަކަމަށާ، ފަސް ބިލިއަނާއި ހަ ބިލިއަނާ ގާތްކުރާ ޢަދަދަކަށް ޕަބްލިކް ސެކްޓަރުގެ މަޝްރޫޢުތަކަށް އިންވެސްޓް ކުރަމުން އަންނައިރު މި އަހަރު ނިމިގެންދާއިރު ކޮންމެ ރަށެއްގައި ޒުވާނުނުންނަށްޓަކައި ފުޓްސަލް ދަނޑުތައް ތަރައްޤީކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް  މި ސަރުކާރުން ފަހިކޮށްދެމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމިން އަންނަނީ ރާއްޖޭއަށް ދިމާވަމުން އަންނަ އިޤްތިސާދީ މައްސަލަތައް ފާހަގަކޮށް، އެކަންކަން ހައްލުކޮށް އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ މުނައްވަރު ވަނީ ފާހަގަކޮށްފައެވެ.