ޚަބަރު

ސެންސިޓައިޒޭޝަން ޕްރޮގްރާމުގެ ނިމުން ފާހަގަކޮށްފި


ޖެންޑަރ ސެންސިޓައިޒޭޝަން އާގުޅޭ މައްސަލަތަކުގައި ޖެންޑަރ މިނިސްޓްރީއާ އެންމެ ގާތުން މަސައްކަތްކުރާ އެއް މުއައްސަސާއަކީ މޯލްޑިވްސް ޕޮލިސް ސާރވިސް ކަމަށްވާތީ، ދެ ޖިންސްގެ ހަމަހަމަކަމަށް ޤައުމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއިބެހޭ މަޢުލޫމާތާއި ހުނަރު ފުލުހުންނަށް ފޯރުކޮށްދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެއް ކަމުގައި ޖެންޑާ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ބޭއްވި ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމުގެ ނިންމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމުގެ މަޤްޞަދަކީ އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ތަފާތުކުރުމާއި ގުޅޭގޮތުން ހޭލުންތެރިކަން އުފައްދައި، ޖެންޑަރ އިކްއަލިޓީ ޤާނޫނަށް ފުލުހުން އަހުލުވެރިކުރުވައި، ފުލުހުންގެ މެދުގައި މިބާވަތުގެ މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކުރުވުން ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމުގެ ނިންމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ މިއަހަރު ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި އެކަނިވެސް ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 200އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

އަދި މިފަދަ މައްސަލަތަކުގައި މިނިސްޓްރީއާ އެންމެ ގާތުން މަސައްކަތްކުރާ އެއް މުއައްސަސާއަކީ މޯލްޑިވްސް ޕޮލިސް ސާރވިސަސް ކަމުގައިވާތީ، ދެ ޖިންސްގެ ހަމަހަމަކަމަށް ޤައުމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއިބެހޭ މަޢުލޫމާތާއި ކަމުގެ ހުނަރު ފުލުހުންނަށް ފޯރުކޮށްދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެއް ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރަފުވެރި މެހުމާން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ ވިދާޅުވީ ދިވެހި އަންހެނުންނަކީ ޤައުމުގެ އެކިއެކި ކަންކަމުގައި އެކިއެކި ދާއިރާތަކުގައި ތަޢުލީމާއި ފަންނުގައި ކުޅަދާނަކަން ދައްކުވާފައިވާ ބައެއްކަމާއި މިހާރު ކުރަމުން މިދާ މަސައްކަތަކީ ތަފާތު ދާއިރާތަކުން ފުލުހުންގެ ވިސްނުން ހުޅުވާލުމާއި ހޭލުންތެރިކަން އިތުރުކުރުވުމުގެ މަސައްކަތްކަމަށެވެ.

މިހާރުވެސް ފުލުހުންގެ އިދާރީ އޮނިގަނޑުގައި ހަމަހަމަކަން ޤާއިމް ކުރެވިފައިވާކަން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ ފާހަގަކުރެއްވިއެވެ.

މިޕްރޮގްރާމަކީ ތަޙްޤީޤް ކުރާ ފަރާތްތަކަށާއި ފްރަންޓް ލައިންގައި މަސައްކަތްކުރާ ފުލުހުންނަށް މަސައްކަތު މާހަލުގައި ވަރަށްވެސް މުހިއްމު ޕްރޮގްރާމެއް ކަމަށް ޕްރޮގްރާމްގެ ބައިވެރިން ފާހަގަކުރިއެވެ. މިޕްރޮގްރާމުން ދަސްވި އެންމެހާ ކަންތައްތައް ވަޒީފާގެ މާހައުލުގައި އަދި އާންމު ދިރިއުޅުމުގައި ޢަމަލީ ގޮތުން ބޭނުން ހިފާނޭ ކަމުގެ ޔަޤީންކަން ބައިވެރިންދެއެވެ.