ޚަބަރު

ރައީސް ޔާމީން އެއްބުރުން އިންތިޚާބު ކާމިޔާބުކުރައްވާނެ- މޫސަ


އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔަމީން އެއްބުރުން ކާމިޔާބުކުރާނެކަން ޔަޤީންވަނީ، އެމަނިކުފާނާ ވާދަކުރައްވާނެ ކެނޑިޑޭޓެއް އިދިކޮޅުގައި ނެތުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު މިހެން ވިދާޅުވީ، ޕީޕީއެމްގެ ރާސްޓަސް ޖަގަހަ ހުޅުވުމަށް ބޭއްވި އެޕާޓީގެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިދިކޮޅު ސިޔާސީ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވީ، އިދިކޮޅު ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރާކަމަށާއި، ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ރައީސުލްޖުމްހޫރިއްޔާއެއް ހުންނަން ޖެހޭނެކަމަށް ބުނާއިރު، ވެރިކަން ބަދަލުކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަކަށް ބަހައްޓަވާނެ ބޭފުޅަކު އިދިކޮޅު ފަރާތްތަކަށް ނުދެއްކޭކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މުޅިންވެސް ދައްކަނީ ކުރީގެ ރައީސުންކަމަށާއި، ކުރީގެ ރައީސުން ޤައުމަށްޓަކައި ކުރެއްވީ ކޮންކަމެއްތޯ މޫސާ މަނިކު ސުވާލުކުރެއްވިއެވެ. އިދިކޮޅު ފަރާތްތަކުން އިދިކޮޅުވެގެން އުޅެނީ ކޮން ކަމަކާކަން އެނގިވަޑައިނުގަންނަވާކަމަށްވެސް މޫސަ ވިދާޅުވިއެވެ.

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމުން ކަނޑައެޅި ޓާގެޓު ހާސިލުވެފައިވާ ކަމަށާއި، އެކަން ހާސިލުވީ ލޯކަލް ކައުންސިލް އިންތިޚާބުގައިކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާން ނިކުތް އާބާދީއަކީ ފަސްދޮޅަސް ހައެއް އިންސައްތަކަން ފާހަގަކުރައްވަމުން މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ،  ވޯޓުލާން ނުކުތް މީހުންގެ ތެރެއިން ސާޅީސް ހަތަރު އިންސައްތަ ވޯޓު ލިބުނީ ސަރުކާރު ހިންގާ ޕީޕީއެމަށް ކަމަށެވެ. އެހެންކަމުން އިންތިޚާބު ކާމިޔާބުކުރުމަށް އިތުރަށް ބޭނުންވަނީ މަދުވެގެން އެގާރަ އިންސައްތަކަމަށާއި ކުޑަމަސައްކަތަކުން ރައީސް ޔާމީން ހޮވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަންނަ އަހަރު ރިޔާސީ އިންތިހާބުގައި ރައީސް އަބުދުﷲ ޔާމީން ހޮއްވަވާނީ "އެއްލަކިން"ކަމަށާއި، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ރައީސް ޔާމީން އަންނަ އަހަރު ކުރައްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި ޕީޕީއެމްގެ ހަރަކާތްތަކާ ގުޅޭގޮތުންވެސް މޫސާ މަނިކު ވާހަކަފުޅު ދެއްކެވިއެވެ. ހޮނިހިރު ދުވަހު ހިންގި ހަރަކާތްތަކުގައި މަދުވެގެން ބައި ލައްކައަށްވުރެ ގިނަ މީހުން ރާއްޖޭގެ މަގުތަކުގައި ރައީސް ޔާމީނަށް އޮތް ތާއީދު ދައްކާފައިވާކަމަށް މޫސާ މަނިކު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ހިންގާ ހަރަކާތްތަކުގައި އެ ޢަދަދު އިތުރުވާނެކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވިއެވެ.