ޚަބަރު

ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުކުރުން މުހިއްމު- ސަޢީދު


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔަމީން ޢަބްދުލްޤައްޔޫމް އިތުރު ދައުރަކަށް އިންތިޚާބު ކުރައްވައިފިނަމަ ރާއްޖެއަށް ގެންނަވާނެ ތަރައްޤީ އިޙްސާސްވެސް ނުކުރެއްވޭނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ޕީޕީއެމްގެ ރާސްޓަސް ޖަގަހަ ހުޅުވުމަށް ބޭއްވި އެޕާޓިގެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ރާއްޖޭގައި ކުރިން ހިންގަމުން އައި ކުދިކުދި ތަރައްޤީގެ މަޝްރޫޢުތައް އެތައް ބިލިއަން ރުފިޔާގެ މަޝްރޫޢުތަކަށް ބަދަކުރެއްވީ ރައީސް ޔާމީންކަމަށެވެ. ރައީސް ޔާމީން ޤައުމަށް ގެންނަވާ ބަދަލުތަކުގެ މައްޗަށް ތަފްސީލްކޮށް ބައްލަވާލައްވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ރައީސް ޔާމީންގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ޒުވާނުންނަށް ލިބޭ އާމްދަނީ އެތައް ގުނައަކުން އިތުރުކޮށްދެއްވާފައިވުމުން، ރާއްޖޭގެ ވެރިކަން ބަދަލުކުރަން ބޭނުންވާ މީހަކު ނެތްކަމަށެވެ. ރައީސް ޔާމީނަކީ ރާއްޖޭގެ ތާރީޚް ދުށް އެންމެ ހިތްވަރުގަދަ ރައީސްކަމަށް ވިދާޅުވެ އެމަނިކުފާނަށް ތަޢުރީފްކުރައްވަމުން އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކުގެ ޙައްލު، ރައީސް ޔާމީންގެ މެނިފެސްޓޯގައި ހިމެނޭކަމަށާއި، އެކަންކަން ކުރައްވަމުން ގެންދަވަނީ އެތެރެއާއި ބޭރުން ކުރިމަތިވެވަޑައިގަންނަވާ ގޮންޖެހުންތަކާއެކުކަމަށެވެ.

މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލަމުންދާކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ކުރިން އިދިކޮޅުގައި ތިއްބެވިއިރު ރާއްޖޭގެ ޓޫރިޒަމް ބޮޢިކޮޓްކުރަން ގޮވާލާފައި ނުވާނެކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންވާގޮތައް އެއްވެސް މަސައްކަތެއްކޮށްފައި ނުވާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ޒިންމާދާރު އިދިކޮޅު ސިޔާސީ ބަޔަކަށްވުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ.

ޕީޕީއެމް ޖަގަހަ ހުޅުވުމަށް ބޭއްވި އެޕާޓިގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފައިވެއެވެ.