ޚަބަރު

މޯލްޑިވްސް ގާޑް ވޯކްޝޮޕް ފަށައިފި


ދިމާވެދާނެ ކޮންމެ ކާރިސާއެއްގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް އެއަރޕޯޓު ތައްޔާރަށް އޮތުމަކީ ކޮންމެހެން މުހިއްމުކަމެއްކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި "މޯލްޑިވްސް ގާޑް ވޯރކްޝްޕް" އިފްތިތާޙްކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ކާރިޘާއެއް ދިމާވާ ދަނޑިވަޅުގައި އެހީތެރިކަމުގެ ވަޞީލަތާއި ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި މައި މަރުކަޒު ކަމަށެވެ. 

"ގާޑް" ފަދަ ވޯކްޝޮޕެއް ރާއްޖޭގައި ބޭއްވުމަކީ ކުރިމަގުގައި ދިމާވެދާނެ ކާރިޘާތަކުން އަރައިގަތުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިހާރު ސަރުކާރުގެ އަމާޒަކީ ހުރިހާ މުއައްސަސާއެއްގެ މުވައްޒަފުންނަށް ކުއްލި ޙާލަތުގައި ޢަމަލު ކުރާނެގޮތުގެ ތަމްރީން ދީ، އެކަމަށް ތައްޔާރުކުރުވުން ކަމަށެވެ.

ޔޫ.އެން.ޑީ.ޕީ އާއި، ޑީ.އެޗް.އެލް އާއި، މޯލްޑިވްސް އެއަރޕޯޓސް ކޮމްޕެނީ ލިމިޓެޑް ގުޅިގެން 5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މޯލްޑިވްސް ގާޑްސް ވޯރކްޝޮޕް އިޕްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ޔޫ.އެން.ޑީ.ޕީ ގެ ރެޕްރެސެންޓޭޓިވް ޝޯކޯ ނޯޑާ އާއި، އެ ޖަމްޢިއްޔާގެ އިތުރު ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

"ގެޓް އެއަރޕޯޓްސް ރެޑީ ފޯރ ޑިޒާސްޓަރ" ވޯކްޝޮޕް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވިއިރު، ރާއްޖޭގެ މައި އެއަރޕޯޓު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު، ކާރިޘާތަކަށް ތައްޔާރުވެފައި އޮތުމުގެ މުހިއްމުކަން، މޯލްޑިވްސް އެއަރޕޯޓަސް ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިންގް ޑައިރެކްޓަރ އާދިލް މޫސާ ވެސް ފާހަގަކުރެއްވިއެވެ.

އެގޮތުން 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާ އާއި 2014 ވަނަ އަހަރު މާލެއަށް ދިމާވި ފެނުގެ ކާރިޘާގެ ދުވަސްވަރު، މިހުން އެކި ތަންތަނަށް ގެންގޮސްދިނުމުގެ މައިގަނޑު މަސައްކަތް ކުރީ އެއަރޕޯޓް މެދުވެރިކޮށްކަމާއި، މި ދެ ކާރިސާގެ ތަޖުރިބާއަށް ބަލާއިރު، އެއަރޕޯޓު އަބަދުވެސް ތައްޔާރީ ޙާލަތުގައި އޮތުމަކީ މުހިއްމުކަމެއްކަން އެނގޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވޯކްޝޮޕް ގެ ބައިވެރިންނާއި މުޚާތަބުކުރައްވަމުން ޑިރެކްޓަރ އޮފް ހިއުމޭނިޓޭރިއަން އެފެއާރޒް އަދި ގާޑްސް ގެ ލީޑް ޓްރެއިނާ ކްރިސް ވީކްސް ވިދާޅުވީ ރާއްޖޭގެ މޫސުމަށް ބަދަލު އަންނަމުންދިއުމާއި، ފެނުގެ ދަތިކަން ދޭރެތެ ދޭތެރެއިން ކުރިމަތިވަމުންދާތީ ރާއްޖޭގެ ރަށްތައް، އެއަރޕޯޓުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކާރިސާއެއް ދިމާވާ ދަނޑިވަޅުގައި ޤައުމުގެ އިޤްތިޞާދަށް ގެއްލުން ކުޑަކުރެވޭނީ ދުރާލައި ރަނގަޅަށް ތައްޔާރުވެ ތިބެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ގާޑް ވޯކްޝޮޕް ގެ މައިގަނޑު ޢަމާޒަކީ ކުއްލި ޙާލަތެއްގައި އެއަރޕޯޓުގައި މަސައްކަތްކުރާނެ މުވައްޒަފުން އިތުރުކުރުމާއި، މީހުންގެ ޒިންމާތަކާއި މަސައްކަތްތައް ކަނޑައަޅައި، މަސައްކަތްކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމެވެ. މިހާތަނަށް ދުނިޔޭގެ 14 އެއަރޕޯޓެއްގައި ގާޑް ޕްރޮގްރާމް، ކާމިޔާބުކަމާއިއެކު ހިންގާފައިވެއެވެ.