ޚަބަރު

ތިމާވެއްޓާއި ރަށްޓެހި ދަނޑުވެރިކަންކުރުމުގެ ތަމްރީން ޕްރޮގްރާމެއް


އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތިމާވެއްޓާއި ރަށްޓެހި ދަނޑުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

މި ތަމްރީނު ޕްރޮގްރާމްތަކަކީ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭޕީ)ގެ ދަށުން މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް) އާއި ހަވާލުކޮށް ހިންގާ ތަމްރީނު ޕްރޮގްރާމެކެވެ. ސީ.ސީ.އޭ.ޕީ އަކީ ޔޫރަޕްގެ އިއްތިހާދުން ފަންޑުކޮށް ވޯލްޑް ބޭންކުން މެނޭޖްކޮށްގެން އައްޑޫ އަދި ފުވައްމުލަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި މެދު އަހުލުވެރިކަން އިތުރު ކުރުމުގެ ގޮތުން ހިންގާ މަޝްރޫއެކެވެ. މިގޮތުން މިދެ ސިޓީގައި ހިމާޔަތްކުރެވިފައިވާ ކިޅި އަދި ޗަސްބިން ސަރަހައްދު ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއްގެ ދަށުން އިކޯޓުއަރިޒަމް ތައާރަފްކޮށް އިޤްތިސާދީ ފައިދާ ހޯދޭނެ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުންވެސް މިޕްރޮޖެކްޓްގައި ހިމެނެއެވެ.

ސެޕްޓެމްބަރުމަހުގެ އެގާރައިން އަށާވީހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމް އަމާޒްކޮށްފައިވަނީ 16 އަހަރުނެ މަތީގެ މީހުންނަށެވެ. ތަމްރީނު ޕްރޮގްރާމުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުޅި އަދި ޗަސްބިން ބެލެހެއްޓުމާއި ކުނި ނައްތާލުމާ ބެލެހެއްޓުމުގެ އިތުރުން ފަރުތަކައް އަންނަ ބަދަލުތައް ދިރާސާކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެގޮތުން މިޕްރޮގުރާމުތަކުގައި ކުޅި ފާ ޗަސްބިމުން ލިބެން ހުންނަ ތަކެތި ބޭނުން ކޮށްގެން އެއްޗެތި ހެދިދާނެ ތަފާތު ގޮތްތައް ދަސްކޮށްދޭނެއެވެ. އަދި މި ޕްރޮގްރާމުތަކުގައި މިތަކެތި ވިއްކާ މާކެޓް ކުރެވިދާނެ ގޮތްތައްވެސް ކިޔާދޭނެއެވެ. މީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އަދި އެންމެ ރަނގަޅުގޮތުގައި ދަނޑުވެރިކަން ކުރެވިދާނެ ގޮތްތައް ކިޔައިދީ ދަނޑުވެރިކަން ކޮށްގެން އާމްދަނީ ހޯދޭނެ ނުވަތަ އާމްދަނީ އިތުރު ކުރެވިދާނެ ގޮތްތައް ކިޔަވައިދޭނެއެވެ.

މި ތަމްރީނުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 30 ވަނަ ދުވަހެވެ.