ތަޢުލީމު

އާ ޢިމާރާތަކީ ކުރިމަގަށް މުހިއްމު ތަނެއް- އިސްލާމިކް ޔުނިވަރސިޓީ


ހުޅުމާލޭގައި ޢިމާރާތްކުރަން ހަމަޖެހިފައިވާ އިސްލާމިކް ޔުނިވަރސިޓީގެ އާ ޢިމާރާތަކީ އެ ޔުނިވަރސިޓީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ތަނަކަން ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޔުނިވަރސިޓީގެ ޗާންސެލަރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ކުއްލިއްޔަތުލް ދިރާޞަތުލް އިސްލާމިއްޔާ ހިންގާ ޢިމާރާތުގައި އައިޔޫއެމް ހިންގަމުން އަންނަ އިރު، ކުރިން އެތަން ހިންގަމުން އައިސްފައި ވަނީ މަޢުޙަދުގެ ނަމުގައެވެ.

އިސްލާމިކް ޔުނިވާސިޓީއަށް ބޭނުންވާ ހޯލްތަކާއި، ލައިބްރަރީ އާއި ކްލާސް ރޫމްތަކުގެ އިތުރުން މީޓީންގ ރޫމްތައް ހިންގުމަށް ބޭނުންވާ ޖާގަ ލިބިފައި ނެތްކަން ފާހަގަ ކުރައްވަމުން ޗާންސެލަރު ޑރ. ޝަޙީމް ވިދާޅުވީ އެ ހުރިހާ ކަމަކަށް ބޭނުންވާ ޖާގަ ހުޅުމާލޭގައި ހެދުމަށް ހަމަޖެހިފައިވާ ޢިމާރާތާއެކު އެންމެ ފުރިހަމައަށް ލިބިގެންދާނެ ކަމަށެވެ.

ޗާންސެލަރު ޑރ. ޝަޙީމް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީގެ ހިންގުމުގެ ތެރޭގައި އެ ޔުނިވާސިޓީގެ ބޭނުންތައް އިތުރުވުމާއި ދަރިވަރުންގެ އުންމީދުތައް ދެގުނަވުމުގެ އިތުރުން މީހުން ބިނާ ކުރުމުގެ މަސައްކަތް އެންމެ އެކަށޭނަ ގޮތުގައި ކުރިއަށް ގެންދިއުމަށް ފައިސާ ލިބޭނެ ވަސީލަތްތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޔުނިވާސިޓީއަށް ބޭނުންވާ ކަންކަން ކުރުމުގައި ވަޤުފު ފަންޑެއް މިދިޔަ އަހަރު ހުޅުވާފައިވާނެ ކަމަށް ޗާންސެލަރު ވިދާޅުވިއެވެ. އަދި އެ ފަންޑަށް ވަރަށް ބޮޑު ތަރުޙީބެއްވެސް ލިބެމުންދާ ކަމުގައި ވިދާޅުވިއެވެ.

ޗާންސެލަރު ވިދާޅުވީ މިފަންޑުގެ އިތުރުންވެސް ހުޅުމާލޭގައި ހެދުމަށް ހަމަޖެހިފައިވާ ޔުނިވާސިޓީގެ އާ ޢިމާރާތް ނިމުމާއެކު އެ ޔުނިވާސިޓީ ހިންގުމަށް ބޭނުންވާ ފައިސާ ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެ ޢިމާރާތުގައި އެކި ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކުރާ ހޯލްތަކާއި ކްލާސް ރޫމުތަކުގެ ސަބަބުން ޔުނިވާސިޓީގެ ހިންގުމަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.

އިސްލާމިކް ޔުނިވާސިޓީގެ އާ ޢިމާރާތް ހަދާ ނިމުމުން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކުރެވިގެން ތަފާތު އެކި ކޯސްތައް ހިންގުމުގެ އިތުރުން އެތަނުގެ އޮފީސް ޢިމާރާތްތައް ކުއްޔަށް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެތަނުން ލިބޭ ފައިސާ ޔުނިވާސިޓީގެ ފަންޑަށް ޖަމާވެގެންދާއިރު، އެ ފައިސާ ބޭނުންކުރެވިގެންދާނީ ޔުނިވާސިޓީގެ ސްކޮލަޝިޕް ޕްރޮގްރާމްތަކާއި ތަޢުލީމާއި ތަރުބިއްޔަތަށް ކުރަންޖެހޭ ހަރަދުތައް ފޫބެއްދުމަށް ކަމަށް އެ ޔުނިވާސިޓީން މަޢުލޫމާތުދެއެވެ.

ޑރ. ޝަޙީމް ވަނީ ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމާއި ސަރުކާރުން މިކަމަށް ބަހައްޓަވާ އަޙައްމިއްޔަތު ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.