ޚަބަރު

ނައިފަރު ވިންޑް ޓަރބައިން ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފަށަނީ


ވައިން ކަރަންޓު އުފެއްދުމަށް ފެނަކަ ކޯޕަރޭޝަނުން ޅ.ނައިފަރުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓުގެ ސަރވޭ މަސައްކަތް ނިމިއްޖެއެވެ. މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް މަސައްކަތް ކުރަމުން ދާކަމަށް ފެނަކަ ނައިފަރު ބްރާންޗުން ބުނެއެވެ.

ސަރުކާރުގެ ޢަމާޒަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭނުންކުރާ ހަކަތައިގެ %30 އަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓުކަމުގައި ހެދުމެވެ. އެގޮތުން އަވިން ކަރަންޓު އުފެއްދުމާއި، ކުނިން ކަރަންޓު އުފެއްދުމުގެ ދިރާސާތައް ހެދުމުގެ އިތުރުން ވައިން ކަރަންޓް އުފެއްދުމުގެ ޕްރޮޖްކްޓްތަކުގެ މަސައްކަތް އެކިރަށްރަށުގައި ދަނީ ކުރަމުންނެވެ. އޭގެތެރެއިން ޅ.ނައިފަރުގައި ހިންގާ ވައިން ކަރަންޓް އުފެއްދުމުގެ ޕްރޮޖެކްޓަކީ ފާހަގަ ކޮށްލެވޭ ޕްރޮޖެކްޓެކެވެ.

ޅ.ނައިފަރުގައި ހިންގާ ވައިން ކަރަންޓު އުފެއްދުމުގެ މަޝްރޫޢުއަކީ ޖަޕާނުގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. ވައިން ކަރަންޓު އުފެއްދުމުގެ މި ޕްރޮޖެކްޓްގައި 300 ކިލޯވޮޓުގެ 2 ވިންޑް ޓަރބައިން ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. މި ދެ ޓަރބައިން އިން ޖުމްލަ 600 ކިލޯ ވޮޓުގެ ކަރަންޓު އުފައްދާނެ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ. މިހާރު ނައިފަރުގައި 1200 ކިލޯ ވޮޓުގެ ކަރަންޓު ފޯރުކޮށްދެމުން އަންނައިރު، 600 ކިލޯ ވޮޓުގެ ވިންޑް ޓަރބައިންގެ ސަބަބުން ރަށުގެ ދެބައިކުޅަ އެއްބައި އާބާދީއަށް ކަރަންޓު ފޯރުކޮށްދެވޭނެކަމަށް މަޢުލޫމާތުދެއެވެ. މި މަޝްރޫޢުގެ ދަށުން ނައިފަރާއި ހިންމަފުށީގައި މި ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވާއިރު، މިއީ 10 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢުއެކެވެ.

ނައިފަރު ފެނަކަ ބްރާންޗުން މަޢުލޫމާތުދޭ ގޮތުގައި މި މަޝްރޫޢުއަށް ބޭނުންވާ ބިން މިހާރު ނައިފަރު ކައުންސިލުން ވަނީ ހަމަޖައްސާފައެވެ. އަދި މިކަމަށް ހަދަން ޖެހޭ ސާރވޭތައް ހަދައި މިހާރު އެންވާރަމެންޓް މިނިސްޓްރީއިން ހުއްދަ ދެއްވާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް 2018 ވަނަ އަހަރު ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ފެނަކަ ކޯޕަރޭޝަނުން ދަނީ ނައިފަރުގެ ކަރަންޓު ވިއުގަ ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނައިފަރު ފެނަކަ ބްރާންޗުން މަޢުލޫމާތުދޭ ގޮތުގައި ކަރަންޓުގެ ވިއުގަ ރަނގަޅުކުރުމަށް 1.5 މެގަވޮޓުގެ އާ ޓްރާންސްފޯމަރެއް އެރަށަށް މިހާރު ވަނީ ގެންގޮސްފައެވެ. އަދި ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ޓްރާންސްފޯމަރ ގްރިޑާއި ގުޅާލައި ޚިދުމަތް މުޅި ރަށަށް ފޯރުކޮށްދޭނެކަމަށް ފެނަކައިން ބުނެއެވެ. މި ޓްރާންސްފޯމަރުގެ ސަބަބުން ކަރަންޓުގެ ހަކަތަ ރަނގަޅުކޮށްދީ، ކަރަންޓު ކެނޑުންފަދަ މައްސަލަ އެތައް ގުނައަކަށް ކުޑަވެގެންދާނެއެވެ.

ޅ. ނައިފަރުގައި މިހާރު ބޭނުންކުރަމުން އަންނަނީ 800 ކިލޯ ވޯޓުގެ ޓްރާންސްފޯމަރެކެވެ. މި ޓްރާންސްފޯމަރުން މިހާރު ރަށަށް ކަރަންޓު ފޯރުކޮށްދެމުން ދިޔަނަމަވެސް، އެކެއް ޕޮއިންޓް ފަހެއްގެ އައު ޓްރާންސްފޯމަރާއިއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއޮތް ދިހަ އަހަރަށް ބޭނުންވާ ކެޕޭސިޓީ ރަނގަޅަށް ލިބޭނެކަމަށް ފެނަކައިން ބުނެއެވެ. ޅ.ނައިފަރަކީ ހަރަތު ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ.