ޚަބަރު

ނޭޕާލްގައި ތިބި ދިވެހިންގެ ހާލު ރަނގަޅު- ފޮރިން މިނިސްޓްރީ


ނޭޕާލްގެ ފެންބޮޑު ވެފައިވާ ސަރަހައްދުގައި ދިރުއުޅެމުންދާ ދިވެހިންގެ ހާލަތު ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ އެ ސަރަހައްދުގައި ތިބި ދިވެހިންގެ ހާލު ވަރަށް ކައިރިން ބަލަމުންދާކަމަށެވެ.

ޕީ.އެސް އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، ފޮރިން މިނިސްޓްރީގެ ޕަބްލިކް އިންފޮމޭޝަން ޔުނިޓްގެ ހެޑް ފާތިމަތު ނަޖުވާ ވިދާޅުވީ، ނޭޕާލްގެ ފެންބޮޑުވެގެން އުޅޭ ސަރަހައްދުގައި ދިވެހި 33 ދަރިވަރަކު އެބަތިބި ކަމަށެވެ. އަދި އެމީހުންގެ އަތުގައި ހަފްތާއެއް ހާ ދުވަހަށް ފުދޭވަރަށް ކާބޯތަކެތި އެބަހުރި ކަމަށްވެސް ނަޖުވާ ވިދާޅުވިއެވެ.

ނަޖުވާ ވިދާޅުވީ، ފެންބޮޑުވެފައިވާ ސަރަހައްދުގައި މިވަގުތު ކަރަންޓް ނެތުމުގެ ސަބަބުން އެ ސަރަހައްދުގައި ތިބި ދިވެހި ދަރިވަރުންނަށް ފޯނުން ގުޅުމުގައި ދަތިތަކެއް ހުރި ނަމަވެސް، ނޭޕާލްގައި ޤާއިމުކޮއްފައިވާ މޯލްޑިވިއަން ސްޓޫޑެންޓް އެސޯސިއޭޝަން މެދުވެރިކޮށް އެކުދިންގެ ހާލު ބަލަމުންދާކަމަށެވެ.

ނޭޕާލްގައި ފެން ބޮޑުވެފައިވަނީ، އިންޑިއާ އާއި ނޭޕާލާގުޅޭ ސަރަޙައްދީ ރޮނގާ ކައިރި ހިސާބެއްކަމަށްވާ ބިރާތްނަގަރުގައެވެ.