ޚަބަރު

އަޙްމަދިއްޔާ ސްކޫލަށް ޚިދުމަތްކުރި ފަރާތްތަކުގެ އަގު ވަޒަންކޮށްފި


އަހުމަދިއްޔާ ސްކޫލަށް ތިރީސް ފަސް އަހަރު ފުރުން ފާހަގަކޮށް، ސްކޫލަށް އެކި ރޮނގުރޮނގުން ޚިދުމަތް ކޮށްދެއްވި ބޭފުޅުންގެ އަގުވަޒަންކޮށްފިއެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ގިނަ ދުވަހު ޙިދުމަތްކުރެއްވި ބޭފުޅުންނަށާއި ސުކޫލް ހިންގުމުގައި އެކި ރޮނގު ރޮނގުން ޚިދުމަތް ކޮށްދެއްވި ބޭފުޅުންނަށް ޚިދުމަތުގެ އެވޯޑާއި ދިގުމުއްދަތުގެ އެވޯޑްގެ ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރ އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރުއެވެ. 

މި ރަސްމިއްޔާތުގައި ފަސް ބޭފުޅަކަށް ޙިދުމަތުގެ އެވޯޑް ދީފައިވާއިރު، ދިގުމުއްދަތުގެ އެވޯޑް ވިހި ފަރާތަކަށް ދީފައިވެއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިންފޮރމޭޝަން ކޮމިޝަނަރ ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ ދެހާސް ވަނަ އަހަރުން ފެށިގެން މިއަހާރާއި ހަމައަށް އެންމެ މަތިން ފާސްވި ސުކޫލްގެ ލަޤަބު އަހުމަދިއްޔާ ސްކޫލުން ހާސިލްކޮށްފައިވާކަމަށެވެ. އަދި އަހުމަދިއްޔާ އަކީ ނަމޫނާ ދަރިވަރުން ބިނާކުރަމުންދާ ސްކޫލެއްކަމަށް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަޙްމަދިއްޔާގެ 35 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމާއި، އެޗީވްމަންޓް ނައިޓްގައި އޯލެވެލް އަދި އޭ ލެވެލް އިމްތިހާނުގައި ދަރިވަރުންނަށް އެހީތެރިވެދެއްވި ޓީޗަރުންނަށާއި އިދާރީ ބޭފުޅުންގެ މަސައްކަތް ފާހަގަކޮށް އެބޭފުޅުންނަށްވެސް ހަދާނީ ލިޔުންދީފައިވެއެވެ. 

އަޙްމަދިއްޔާ ސުކޫލަކީ މައްޗަންގޯޅި ރައްޔިތުންނަށް އަލްމަރްހޫމް ޑީ އަޙުމަދު ދީދީ "މަދަރަސަތުލް އަޙްމަދިއްޔާ" ގެ ނަމުގައި ހަދިޔާ ކުރެއްވި ސުކޫލެކެވެ. 2016 ވަނަ އަހަރު އަޙްމަދިއްޔާއިން 216 ދަރިވަރުން އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައިވީއިރު 195 ދަރިވަރުން ވަނީ 5 މާއްދާއަށްވުރެ މަތިން ފާސްވެފައެވެ. އަދި 49 ދަރިވަރުން ޤައުމީ ގަދަ 10އެއްގައި ހިމެނި 11 ދަރިވަރުން ވަނީ ޤައުމީ ގަދަ 10އެއްގެ އެއްވަނައިގައި ހިމެނިފައެވެ. މީގެ އިތުރުން އަޙްމަދިއްޔާގެ 4 ދަރިވަރަކު ވަނީ 7 މާއްދާއަކުން ދުނިޔޭގެ ގަދަ 10އެއްގެ އެކި ވަނަތައް ހާސިލްކޮށްފައެވެ. 

އޭ ލެވެލް އިމްތިހާނުގެ ޤައުމީ ގަދަ ދިހައެއްގެ ތެރޭގައި އަހުމަދިއްޔާގެ 10 ދަރިވަރުން ހިމެނުނު އިރު ދުނިޔޭގެ ގަދަ 10ގައި 2 ދަރިވަރަކު ހިމެނި މުޅި ރާއްޖެއިން އެކައުންޓްއިން 1 ވަނަ އަހްމަދިއްޔާގެ ދަރިވަރަކު ހޯދާފައިވެއެވެ.