ޚަބަރު

އެއަރއޭޝިއާއިން ބެންކޮކާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުން


ތައި އެއަރ އޭޝިއާއިން ބެންކޮކާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް މިއަދު ފަށައިފިއެވެ. 

ތައި އެއަރ އޭޝިއާއިން ރާއްޖެއަށް ދަތުރުތައް ފަށާނެކަން އިޢުލާންކޮށްފައިވަނީ މިދިޔަ ޖޫންމަހުގެ ތެރޭގައެވެ. އެއަރ އޭޝިއާއިން މައުލޫމާތުދޭގޮތުގައި ތައިލެންޑްގެ ބެންކޮކާއި ރާއްޖެއާ ދެމެދު ތައި އެއަރ އޭޝިއާއިން ދުވާލަކު އެއް ދަތުރުކުރާނެއެވެ. ތައި އޭޝިއާއިން ރާއްޖެއަށް ދަތުރުތައް ފެށުމާއެކު ތައިލެންޑުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ތައިލެންޑުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ތައިލެންޑުން ސޯޅަހާސް ހަތަރަސްތޭކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ ދެހާސް ފަނަރަވަނަ އަހަރާ އަޅާ ބަލާއިރު، ތިނެއް ޕޮއިންޓް ހަތަރެއް އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ތައިލެންޑުން ރާއްޖެއަށް ނުވަހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު އަށާރަ ޕޮއިންޓް ނުވައެއް އިންސައްތަ އިތުރު އަދަދެއްކަންވެސް ފާހަގަކޮށްލެވެއެވެ.