ޚަބަރު

ދަނޑުވެރިކަމުގެ ސިނާޢަތުގައި ގިނައީ އަންހެނުން- ޝައިނީ


ދަނޑުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަންސާސް ތިނެއް އިންސައްތަ މީހުންނަކީ އަންހެނުންކަމަށް ފިޝަރީޒް މިނިސަޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. 

ޝައިނީ މިހެން ވިދާޅުވީ ރާއްޖޭގެ ނުވަވަނަ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައެވެ. ދަނޑުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ދިވެހި ހީވާގި ދަނޑުވެރިންނަށް، ރާއްޖޭގެ ދަނޑުވެރިކަމުގެ ދުވަހާ ގުޅުވައިގެން ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ފިޝަރީޒް މިނިސަޓަރ ޑރ. މުޙައްމަދު ޝައިނީ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ދަނޑުވެރިކަމުގެ ޞިނާޢަތަކީ ގިނަ ޢަދަދެއްގެ ރައްޔިތުން ޝާމިލުވާ ޞިނާޢަތެއްކަމަށެވެ. ޚާއްޞަކޮށް ގިނަ އަދަދެއްގެ އަންހެން ކަނބަލުން ޙަރަކާތްތެރިވާ ޞިނާޢަތެއް ކަމަށާއި، މިއަދާ ހަމަޔަށް 78 ރަށުން 7536 ދަނޑުވެރިން އެ މިނިސްޓްރީގައި ދަފްތަރުވެފައިވާއިރު، އޭގެ ފަންސާސް ތިނެއް އިންސައްތައަކީ އަންހެނުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝައިނީގެ ބަޔާނުގައި ރާއްޖޭގެ ހީވާގި ދަނޑުވެރިން ކުރާ ބުރަ މަސައްކަތުން، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އެއްއަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަކަމަށް ބަޔާންކުރައްވާފައެވެ. އަދި މިމަސައްކަތުން ލިބޭ ނަފާވެސް އިތުރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. 2016 ވަނަ އަހަރަށް ބަލާއިރުވެސް ހަމައެކަނި މާލޭ މާރުކޭޓްގައި 166.8 މިލިއަން ރުފިޔާގެ ދަނޑުވެރިކަމުގެ ވިޔަފާރި ކުރެވިފައިވާކަމަށް ޝައިނީ ވިދާޅުވިއެވެ.

މި ސަރުކާރުން ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ފުޅާކުރުމަށް ބޭނުންވާނެ މަޢުލޫމާތާއި، ތަމްރީންދެމުން އަންނަކަމަށާއި، މިގޮތުން 2013 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް 1682 ދަނޑުވެރިންނަށް ތަމްރީންދެވިފައިވާކަން މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ގެންގުޅޭ ދަނޑުވެރިކަމުގެ މައިގަނޑު އެއްސިޔާސަތުކަމުގައިވާ "ކާނާގެ ޔަޤީންކަން ހޯދައިދިނުން" މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ރަށްތަކުގައި ބަކަރިގެންގުޅުން ތަޢާރަފްކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުން. އެގޮތުން ކޮންމެ އަހަރުކުވެސް ކޮންމެވެސް 1 ނުވަތަ 2 ރަށެއްގައި ރަގަޅު ފަންނީ ޕްރެކްޓިސްތައް ބޭނުންކޮށްގެން މޮޑެލް ބަކަރި ފާމްތައް ހަދައިދީ، ރާއްޖޭގައި ބަކަރިގެންގުޅުމުގެ މަސައްކަތް ފުޅާކޮށް މިކަމުގެ ނަފާ ދަނޑުވެރިންނަށް ލިބޭނެމަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންމެވެ.

ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާ ހޯދައިދިނުމަށާއި ދަނޑުވެރިކަމަކީ ޒުވާނުން ޝައުގުވެރިވާ ސިނާޢަތަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން މި ސަރުކާރުންވާނީ ލޯނު ޕްރޮގްރާމެއް ފަށާފައެވެ. މިގޮތުން މިހާތަނަށް ޖުމްލަ 86 ފަރާތަކަށް 5.8 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައިވާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވިއެވެ.