ޚަބަރު

އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލާނަން- ނިހާން


ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛް މުޙައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 30 މެމްބަރުގެން ސޮޔާއެކުއެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ މިދައުރުގެ ތެރޭގައި އެމަނިކުފާނުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށައެޅި ދެވަނަ ފަހަރެވެ. މިދިޔަ މަހުގެ 20 ވަނަ ދުވަހުވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ. އެހެންނަމަވެސް އެމައްސަލަ ހުށައަޅާފައިވަނީ ޤާނޫނު އަސާސީގެ 82 ވަނަ މާއްދާއާ ޚިލާފަށްކަމުން އެމައްސަލަ ރައްޔިތުންގެ މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ، އަޙްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ބަންޑާރަނައިބުގެ އިތުބާރުނެތްކަމަށްބުނެ ހުށައަޅާފައިވާ މައްސަލައަކީ އެއްވެސް އަސްލެއް ނެތް މައްސަލައެއްކަމަށާއި، މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެއިލް ކޮށްލެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ބަންޑާރަނާއިބުގެ އިތުބާރު ދަމަހައްޓާނެކަނަށާއި، މިކަމުގައި ޕީޕީއެމާއި، އެމް.ޑީ.އޭގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ނިހާން ވިދާޅުވިއެވެ.

މިދިޔަ މަހުގެ ތެރޭގައި އެމަނިކުފާނާ ދެކޮޅަށް ހުށައެޅުއްވި އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ދައުލަތުގެ ވަޒީރުންވަނީ އެމަނިކުފާނަކީ ނަޒާހާތްތެރި، ހިއްވަރުފުޅުގަދަ، ޙުލްގުފުޅުހެޔޮ، އިތުބާރުހުރި ބޭފުޅެއްކަމަށް ވިދާޅުވެ ޝުޢޫރު ފާޅުކުރައްވާފައެވެ.

ބަންޑާރަނައިބު އަލްއުސްތާޛް މުޙައްމަދު އަނިލްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީނޫން ޕާޓީއަކަށް ބަދަލުވުމުން އެމެމްބަރަކު މަޖިލީހުގެ މެމްބަރުކަމަށް ވަކިވާނެކަމަށް ކަނޑައަޅުއްވައިދެއްވުމަށް ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައެވެ، މިމައްސަލައިގެ ސުޕްރީމް ކޯޓުން ކުރެއްވި ޙުކުމާ ގުޅިގެން މަޖިލީހުގެ 6 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ދަނޑިވަޅެއްގައެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މިނިންމުން ބާޠިލްކޮށްދެއްވުމަށް ސުޕްރީމް ކޯޓަށް ހުށައެޅުމުން، މުޅި ދައުލަތުގެ ޤާނޫނީ ވަކީލުގެ ޙައިޞިއްޔަތުން ބަންޑާރަނާއިބު ގެންދަވަނީ އެކޮމިޝަންގެ ދިފާޢުގައި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވަމުންނެވެ. ދިމާވާ ދުސްތޫރީ އެކިމައްސަލަތަކުގައި، ޤާނޫނުއަސާސީ މާނަކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅުއްވުމަކީ ދައުލަތުގެ ބަންޑާރަނައިބުގެ ޤާނޫނީ ޒިންމާއެކެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން ނިންމާ ނިންމުންތައް ކޯޓްގައި ދިފާޢު ކުރުމަކީވެސް ބަންޑާރަނާއިބުގެ ޤާނޫނީ ޒިންމާއެކެވެ.

img:http://s3.psmnews.mv/images/660x400/14775603565893.jpg|ބަންޑާރަ ނައިބު މުހައްމަދު އަނިލް ނޫސްވެރިންނަށް މަޢުލޫމާތުދެއްވަނީ- ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

އަލްއުސްތާޛް މުޙައްމަދު އަނިލްއަކީ ރައީސް ޔާމީންގެ ސަރުކާރުގެ ބަނޑާރަނާއިބުގެ މަޤާމަށް އައްޔަނު ކުރެވުމުގެ ކުރިންވެސް ސިޔާސީ ދާއިރާއިން ބޭރުގައި ޤާނޫނީ މަސައްކަތްތަކުގައި ދެމިހުންނެވި ބޭފުޅެކެވެ. އަދި ރައީސް ޔާމިންގެ ސަރުކާރުގެ ބަނޑާރަނައިބުގެ މަޤާމަށް އައްޔަނުކުރެއްވުމަށްފަހުގައިވެސް ސިޔާސީ އެއްވެސް މަސައްކަތެއްގައި އެމަނިކުފާނު ނޫޅުއްވައެވެ. އެގޮތުން ސަރުކާރު ހިންގާ ޕާޓީން ބާއްވާ ސިޔާސީ ޖަލްސާތަކުގައިވެސް ބަންޑާރަނައިބު ބައިވެރިވެވަޑައި ނުގަންނަވައެވެ. އެމަނިކުފާނު ދެމިހުންނެވީ މުޅި ދައުލަތުގެ ބަނޑާރަނައިބުގެ ޙައިޞިއްޔަތުން ސިޔާސީ ވަކި ފިކުރެއް ޕްރޮމޯޓް ކުރެއްމުގެ މަސައްކަތުން އެއްކިބާވެވަޑައިގެން، ދައުލަތާއި ސަރުކާރުގެ ޤާނޫނީ ކަންކަން ހަރުދަނާ ކުރެއްވުމުގައެވެ. އެގޮތުން އެމަނިކުފާނުގެ ބަންޑާރަނައިބުކަމުގައި، ގިނަޢަދަދެއްގެ އިޞްލާޙީ ބަދަލުތަކެއް ރައްޔިތުންގެ މަޖިލިސް މެދުވެރިކުރައްވައި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް ވަނީ ގެންނަވާފައެވެ. 2008 ވަނައަހަރު ޤާނޫނޫ އަސާސީ ފާސްކުރެވުމާއެކު، ކުރިން ފާސްކޮށްފައިވާ ޤާނޫނުތަކުގެ ތެރެއިން އުވާލަންޖެހޭ ނުވަތަ އިސްލާޙް ކުރަންޖެހޭ ޤާނޫނުތައް، މީގެ ކުރިން އިޞްލާޙް ނުކުރެވި ހުއްޓާ، އެމަނިކުފާނުގެ ބަންޑާރަނައިބުކަމުގައި އެމަސައްކަތުގެ ބޮޑުބައެއް ވަނީ ނިންމަވާފައެވެ. އެގޮތުން ދައުލަތަށް ދިމާވި ބޮޑެތި މައްސަލަތަކުގައި އެންމެ އިސްކޮށް ވަކާލާތު ކުރައްވައި، ދައުލަތަށް ދިމާވެފައިވާ ޤާނޫނީ ގޮންޖެހުންތައް ޙައްލުކުރެއްވުމުގައި އެމަނިކުފާނު މުހިންމު މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން ޖީ.އެމް.އާރ މައްސަލައާއި، ކޮމަންވެލްގައި ދިވެހި ދައުލަތުގެ ދިފާއުގައި ބަންޑާރަނައިބުގެ ބެއްލެވުމުގެ ދަށުން ކުރެއްވި ކާމިޔާބު މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

ދައުލަތުގެ ބަންޑާރަނައިބުގެ މަޤާމުގައި މިހާރު ހުންނެވި އަލްއުސްތާޛް މުޙައްމަދު އަނިލްއަކީ، ޙުލްޤްފުޅު ހެޔޮ މީހުންނަށް އިޙްތިރާމްކުރާ، ހިތްތިރި، ދިވެހިރާއްޖޭގެ ދުސްތޫރީ ޤާނޫނުގެ އަސާސްތައް ފުރިހަމައަށް ދެނެވަޑައިގަންނަވާ ބޭފުޅެއްކަމަށް އެމަނިކުފާނާ ބައްދަލުވެ ޚިޔާލު ބަދަލުކޮށްލާ ކޮންމެ މީހަކަށްވެސް އެނގި ކަށަވަރުވެގެންދާނެއެވެ.

ޤާނޫނީ ދާއިރާއިން މަތީތައުލީލް ޙާޞިލްކުރައްވައިގެން ހުންނެވި އަލްއުސްތާޛް މުޙައްމަދު އަނިލްއަކީ ދައުލަތުގެ ބަންޑާރަނައިބުކަމަށް ފުރިހަމައަށް ކުފޫހަމަވާ ބޭފުޅެއްކަން، ޖީ.އެމް.އާރ މައްސަލައިގައި ދިވެހި ދައުލަތަށް ހޯއްދަވައިދެއްވި ކާމިޔާބީއާއި، ދިވެހި ދައުލަތަށް ދިމާވި އެކި މައްސަލަތަކުގައި ޤާނޫނީ ގޮތުން ކުރިމަތިވި އެކި ގޮންޖެހުންތަކުން އަރައިގަތުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ.

ޤާނޫނީ ތަރަހައިގެތެރެއިން އެމަނިކުފާނުގެ ޤާނޫނީ ޒިންމާ އަދާކުރައްވަމުން ގެންދަވަނިކޮށް މުޅި ދައުލަތުގެ ބަންޑާރަނާއިބުގެ އިތުބާރު ކުށްލިއަކަށް ގެއްލެންވީ އެކަށީގެންވާ ސަބަބައެއް އިދިކޮޅު ފަރާތްތަކަށް ބަޔާންކޮށްފައި ނުވާހަމަށް ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ވިދާޅުވެއެވެ. ކޯޓްގައި ދައުލަތް ދިފާޢުކޮށް ވާހަކަދެއްކުމަކީ ބަންޑާރަނާއިބުގެ ޤާނޫނީ ޒިންމާއެއްކަމުން، އެޒިންމާ ބަންޑާރަނާއިބު އަދާކުރެއްވުމަކީ އެމަނިކުފާނުގެ އިތުބާރު ގެއްލެންވީ ސަބަބެއްނޫކަމަށް ސަރުކާރުން ބުނެއެވެ.