ޚަބަރު

ޓްރީޓޮޕްގެ ވަޒީފާތަކަށް އައްޑޫއާއި ފުވައްމުލަކުން ކުދިން ހޯދަނީ


ހުޅުމާލޭގައި ހަދަމުންދާ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ވަޒީފާތަކަށް ބޭނުންވާ ދިވެހީން ހޯދުމުގެ ގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ރެކްރޫޓްމަންޓް ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަށް ބޭނުންވާ މީހުން ހޯދުމަށް ރާއްޖޭގެ އެކި ސަރަހައްދުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދަން ރާވާފައިވާ އިވެންޓުގެ މައިގަނޑު ބޭނުމަކީ، ޓްރީޓޮޕް ހޮސްޕިޓަލްއާއި ގުޅެން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމެވެ. ޓޮރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެންމެ އާބާދީ ބޮޑު ސަރަޙައްދުތަކުގައި މިފަދަ ހަރަކާތެއް ބާއްވަނީ ވަޒީފާތަކަށް ޢާއްމުންގެ ޝައުޤުވެރިކަން ހުރިވަރު ބެލުމަށެވެ.

މިހަރަކާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެވަޒީފާގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ދޭނެއެވެ. އަދި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ވަޒީފަށް ހުށަހަޅާ ފޯމް ފުރުމާއި އިންޓަވިއު ކުރުން ކުރިއަށް ދާނެކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

މި އިވެންޓުގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަސައްކަތާއިގުޅޭ ތަފާތު ގިނަ ދާއިރާތަކުން ހުރި ފުރުސަތުތައް އެނގިގެންދާނެކަމަށް ޓްރީޓޮޕް ހޮސްޕިޓަލުގެ އެޗް.އާރު. މެނޭޖަރ މުއުމިނާ ވަޙީދު ވިދާޅުވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވަޒީފާތަކަށް ވަޒީފާގެ ތަޖުރިބާ ނެތް ފަރާތްތަކަށްވެސް ކުރިމަތި ލެވޭނެކަމަށް އެހޮސްޕިޓަލުން ބުނެއެވެ. މިހޮސްޕިޓަލުގެ ވަޒީފާތަކަކީ ފުރުސަތު ބޮޑު ވަޒީފާތަކެއްކަން ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެސިސްޓެންޓް ޑިރެކްޓަރ އޮފް ނާރސިންގް، ނަޒީރާ ނަޖީބު ފާހަގަކުރެއްވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލާފައެވެ. އައްޑޫ ސިޓީގައި ރެކްރޫޓްމަންޓް އިވެންޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 އަދި 15 ގައެވެ. އަދި ފުވައްމުލައް ސިޓީގައި މިހަރަކާތް ކުރިއަށްދާނީ މިމަހުގެ 16 އަދި 17 ގައެވެ.