ޚަބަރު

ގޭބިސީތަކަށް ގޮސް ފައިސާ ނުނަގަން- ވެމްކޯ


ވެމްކޯއިން ގޭބިސީތަކަށް ގޮސް ފައިސާ ނެގުމުގެ އެއްވެސް އިންތިޒާމެއް ޤާއިމްކޮށްފައިނުވާކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ. ވެމްކޯ އިން ބުނީ ފައިސާ ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖެހިފައިވަނީ ބަންދު ނޫން ކޮންމެ ދުވަހަކު ވެމްކޯގެ ހެޑު އޮފީހުންނާއި، އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ ވެމްކޯގެ ސައިޓުންކަމަށެވެ.

ވެމްކޯއިން ގޭބިސީތަކަށް ގޮސް ފައިސާ ނެގުމުގެ އެއްވެސް އިންތިޒާމެއް ޤާއިމްކޮށްފައިނުވާކަމަށް އެކޯޕަރޭޝަނުން ބުނީ، ފަހަކަށް އައިސް ތަފާތު ބޮޑެތި ކުންފުނިތަކުގެ ނަމުގައި ޢާއްމުނުންނަށް އޮޅުވާލައިގެން ބައެއްފަރާތްތަކުން ރައްޔިތުންގެ އަތުން ފައިސާ ނަގަމުންދާ ދަނޑިވަޅެއްގައެވެ. އަދި ވެމްކޯގެ  ވޭސްޓް މެނޭޖްމަންޓް ސަރވިސަސް ނުވަތަ ގޭބިސީތަކުން އުފެދޭ ކުނި ނެގުމުގެ ޚިދުމަތް ހޯއްދަމުންދާ ފަރާތްތަކުން މިފަދަ ޝަކުވާ ހުށައަޅަމުންދާކަން ފާހަގަ ކޮށް ނެރުނު ނޫސް ބަޔާނެއްގައެވެ.

ވެމްކޯގެ ޚިދުމަތް ހޯދަމުންދާ ފަރާތްތަކުން ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ޚިދުމަށް ދޭން ފަށާތާ މަހެއްވުމުންނެވެ. ވެމްކޯގެ ބިސްނަޒް ޑިވެލްޕްމެންޓް މެނޭޖަރ މުޙައްމަދު އިޤްބާލު ބުނީ އެ ކުންފުނީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ފައިސާ ދައްކަން ހަމަޖެހިފައިވަނީ ކޮންމެ މަހެއް ފެށުމާއެކުކަމަށެވެ. އެގޮތުން ގޭބިސީއަކުން ނަމަ ނަގާނީ 150 ރުފިޔާ އަދި މުޅި ޢިމާރާތުންނަމަ ޗާޖު ކުރެވޭނީ 100 ރުފިޔާގެ ރޭޓުން ކަމަށާއި މަސް ނިމުމުން ވެމްކޯގެ ނިޝާން ޖެހި ބިލުތަކެއް ފޮނުވާނެކަމަށް ވެމްކޯއިން ބުނެއެވެ. ބަންދު ނޫންކޮންމެ ދުވަހަކު ހެނދުނު ނުވަޔަކުން ހަތަރަކަށް ވެމްކޯގެ ހެޑު އޮފީހުންނާއި، އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުގައި ހުންނަ ވެމްކޯގެ ސައިޓުން ފައިސާ ބަލައިގަންނަމުންދާނެކަމަށްވެސް ވެމްކޯއިން ބުނެއެވެ.

މީގެއިތުރުން ފައިސާ ދެއްކުމަށް ފަސޭހަ އަދި ރައްކާތެރި ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން އޮންލައިން ނުވަތަ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ފައިސާ ދެއްކެނެގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ވެމްކޯއިން ބުނެއެވެ.