ޚަބަރު

އަނިލްގެ އިތުބާރުނެތްކަމުގެ މައްސަލަ އަނެއްކާވެސް މަޖިލީހަށް


ދައުލަތުގެ ބަންޑާރަނާއިބު މުޙައްމަދު އަނިލްގެ އިތުބާރުނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

އިދިކޮޅު އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހީމް މުޙައްމަދު ޞާލިހް ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ބަންޑާރަނައިބު މުޙައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާކަމަށެވެ. މިމައްސަލަ ހުށައަޅާފައިވަނީ 30 މެމްބަރުންގެ ސޮޔާއެކުކަމަށް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

އަނިލްގެ އިތުބާރުނެތްކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލައިގައި ބުނެފައިވަނީ، ދައުލަތުގެ ބަންޑާރަނާއިބު މުޙައްމަދު އަނިލް، ޤާނޫނު އަސާސީއާ ޚިލާފަށް ތިންބާރު ވަކިވެފައިވާ ނިޒާމު ގަޑުބަޑު ކޮށްލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މިއީ އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މިދައުރުގައި ހުށައެޅި ދެވަނަފަހަރެވެ. މީގެ ކުރިން މިމައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. މީގެ ކުރިން ބަންޑާރަނައިބުގެ އިތުބާރުނެތްކަމަށް ހުށައެޅި މައްސަލައަކީ ޤާނޫނުއަސާސީގެ 82 ވަނަމާއްދާގެ ދަށުން ހުށައެޅޭނެ މައްސަލައަކަށް ނުވާތީ މަޖިލީހުންވަނީ އެމައްސަލަ ބޭރުކޮށްލާފައެވެ.

ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތުން މަދުވެގެން 10 މެމްބަރުންގެ ސޮޔާއެކު ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅިދާނެއެވެ.

އިދިކޮޅު ފަރާތްތަކުން ދައުލަތުގެ ބަންޑާރަނައިބުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެކި ޕާޓީތަކުގައި ހިމެނޭ މެންބަރުން، ޕާޓީ ބަދަލުކުރުމުން އެ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ކަނޑައަޅައި ދިނުމަށް، ބަންޑާރަނައިބު ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލައާގުޅިގެން، އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުންތައް އެމަނިކުފާނަށް ވަރަށްބޮޑަށް އަމާޒުވެފައިވާ ދަޑިވަޅެއްގައެވެ.

ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތުން ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، މަޖިލިހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންޖެހެއެވެ. އަދި އެމައްސައަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ވަޒީރުންގެ މަޖިލީހުގެ މެމްބަރަށް ލިބިދެވޭނެއެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެން. އެގޮތުން ބަންޑާރަނައިބުގެ އިތުބާރުނެތްކަމުގެ މިމައްސަލަ ފާސްވާނީ މަދުވެގެން 43 މެމްބަރުންގެ ވޯޓްލިބިގެންނެވެ. އަދި މަޖިލީހުން އެމައްސަލަ ފާސްކޮށްފިނަމަ ވަޒީރުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިކުރެވޭނީ ސުޕްރީމް ކޯޓުން މަޖިލީހުގެ މިނިންމުން ޞައްޙަކަމަށް ކަނޑައަޅުއްވައިފިނަމައެވެ.