މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ހެޕަޓައިޓިސް ނައްތާލެވިފައިވާ ފުރަތަމަ ޤައުމަކަށް ރާއްޖެ ވުމައް މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތުމިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިނސްޓަރ މިހެން ވިދާޅުވީ ހެޕަޓައިޓިސްގެ މަޢުލޫމާތު ސިއްޙީ ދާއިރާގެ ބޭފުޅުންނަށް ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މި ބަލި ކޮންމެވެސް ވަރަކަށް ފެންނަމުންދާކަމަށާއި، ހެޕެޓައިޓިސް ސީ އާންމުކޮށް ފެންނަމުން ދަނީ ދޮށީ އުމުރުގެ މީހުންނާއި، ސިރިންޖް ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ ތެރެއިންކަމަށެވެ. ސިއްޙީ ދާއިރާއިން މިކަންކަމަށް އިސްކަމެއް ދެއްވައިގެން ހެޕަޓައިޓިސް ނައްތާލުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ފަސް އަހަރުން ދަށުގެ އުމުރު ފުރައިގެ ކުދިންގެ ތެރެއިން ނުވަދިހަ ފަސް އިންސައްތަ ކުދިންނަކީ ހެޕެޓައިޓިސް ވެކްސިން ދެވިފައިވާ ކުދިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހެޕަޓައިޓްސް އަށް ސިއްޙީ މާހިރުން އަހުލުވެރިކުރުވުމުގެ ބައްދަލުވުމުގެ ތެރެއިން މި ބައްޔާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކުން ދެނެގަނެ މި ބަލިން ދިފާއުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިރުޝާދުތައް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ހެޕެޓައިޓިސް ނައްތާލެވިފައިވާ ޤައުމަކަށް ރާއްޖެ ވުމަށްޓަކައި ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ރައްޖެއިން މި ބަލި ނައްތާލުމަށްޓަކައި އެކުލަވާލެންޖެހޭ ސްޓްރެޓިޖީކް ޕްލޭން ވަރަށް އަވަހަށް ތައްޔާރުކުރެވި އެއާ އެއްގޮތަށް މަސައްކަތް ފަށާނެކަމަށް ވިދާޅުވިއެވެ.
ރާއްޖެއިން ހެޕަޓައިޓިސް ނައްތާލުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ސިއްޙީ މާހިރުންނާއެކު ކުރިއަށްގެންދާ މި ބައްދަލުވުމުގައެވެ. ހެޕަޓައިޓިސް އާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާ ބެހޭ މާހިރުން ހިއްސާކުރުމާއި، މި ބަލިން ރައްކާތެރިވުމަށް ކުރެވޭނޭކަންކަމާއި ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވިގެންދާނެއެވެ.