ޚަބަރު

ބޮޑުމިސްކިތުގެ ޑިޒައިންތައް ފައިނަލްކުރުމުގެ މަސައްކަތް ފަށައިފި


ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކާނިވާ ސަރަޙައްދުގައި ބިނާކުރާ ކިންގް ސަލްމާން މިސްކިތް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ބިން ހުސްކޮށް، ކޮންޓްރެކްޓަރާ ޙަވާލުކޮށްފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ ވިދާޅުވީ މިހާރު ކުރަމުންދަނީ މިސްކިތުގެ ޑިޒައިންތައް ފައިނަލްކުރުމުގެ މަސައްކަތް ކަމަށެވެ. 

ސަޢޫދީ ރަސްގެފާނު ދިވެހިރާއްޖެއަށް ހަދިޔާ ކުރައްވާ ކިނގް ސަލްމާން މިސްކިތަކީ އެއްފަހަރާ ދިހަހާސް މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ ބޮޑު މިސްކިތެކެވެ. ކާނިވާ ސަރަޙައްދާ އިންވެގެން އާރޓިފިޝަލް ބީޗް ސަރަޙައްދުގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަޅާ މިސްކިތެކެވެ. މި މިސްކިތް ޑިޒައިންކުރުމަށް ހަމަޖެހިފައިވަނީ ޒަމާނީ ފެންވަރުގެ ޚިދުމަތްތައް ލިބޭގޮތަށް ހަ ފަންގިފިލާއަށެވެ. މިސްކިތުގެ ޢަމަލީ މަސައްކަތް ކުރުމަށް ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ޖޮއިންޓް ވެންޗަރ އުޞޫލުން ތުރުކީގެ ދެ ކުންފުންޏަކާ ޙަވާލުކޮށްފައެވެ. ހައުސިނގް މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިސްކިތް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ބިން ހުސްކުރުމުގެ މަސައްކަތް ނިންމައި ކޮންޓްރެކްޓަރާ މިހާރު ޙަވާލުކޮށްފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ކިނގް ސަލްމާން މިސްކިތުގެ ޑިޒައިންތައް ފައިނަލްކުރުމުގެ މަސައްކަތްތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިސްކިތުގައި ނަމާދުކުރުމަށް ޚާއްޞަ ބައިގައި އެއްފަހަރާ 6000 މީހުން ނަމާދުކުރެވޭނެއެވެ. އަދި ބޮޑެތި ޖަމާޢަތްތަކުގައި މިސްކިތުގެ އެހެން ބައިތައް ހިމެނޭގޮތުން އެއްފަހާރާ ދިހަހާސް މީހުންނަށް ނަމާދުކުރެވޭނެއެވެ. ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވަނީ ކުރުބުޚާނާއަކާއި، ޤުރުއާނާބެހޭ މަރުކަޒަކާއި، މަލްޓި ޕަރޕަސް ހޯލަކާއި، ޖަލްސާކުރާ މާލަމަކާއި، އޮޑިޓޯރިއަމަކާއި ޕާކިންގް އޭރިއާއެއްވެސް ހިމެނޭގޮތަށެވެ. ނަމާދުކުރުމަށް ސާޅީސް އެއްހާސް ފަސްފަތޭކަ އަކަފޫޓުގެ ސަރަޙައްދެއް ކަނޑައަޅާފައިވާއިރު، އެންމެ ބޮޑު ސަރަޙައްދެއް ކަނޑައަޅާފައިވަނީ ޕާކުކުރުމަށެވެ. އެގޮތުން ޕާކިނގ އޭރިއާގެ ގޮތުގައި ސާޅީސް ހަތަރުހާސް އަކަފޫޓަށްވުރެ ބޮޑު ބިމެއް ކަނޑއަޅާފައިވެއެވެ. އަދި މިސްކިތުގައި ބިނާކުރަން ހަމަޖެހިފައިވާ ޤުރުއާނާބެހޭ މަރުކަޒަށް ސާޅީސްދެހާސް އަކަފޫޓަށްވުރެ ބޮޑު ބިން ކަނޑައަޅާފައިވެއެވެ. 

ހައުސިންގ މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ އޮގަސްޓު މަހުގެތެރޭގައި މިސްކިތުގެ މަސައްކަތް ނިމޭވަރުވާނެކަމަށެވެ. ކިންގް ސަލްމާން މިސްކިތުގެ ޢަމަލީ މަސައްކަތް ޙަވާލުކޮށްފައިވަނީ ހުޅުމާލޭގައި ޓްރީޓޮޕް ހޮސްޕިޓަލް ޢިމާރާތްކުރާ ކޮންޓްރެކްޓަރާއެވެ.