ޚަބަރު

"ވީކެއެންޑް ވިތް އެމްއެންޑީއެފް" ޕްރޮގްރާމް ނިންމާލައިފި


ކުޑަކުދިންގެ ހިޔާގެ ފަންސާސް ނުވަ ކުދިންނަށް، އެމްއެންޑިއެފުން އިންތިޒާމްކޮށްގެން ހިންގި "ވީކެއެންޑް ވިތް އެމްއެންޑީއެފް" ލީޑަރޝިޕް ކޭމްޕް ނިންމާލައިފިއެވެ. 

ދެ ދުވަހުގެ މި ކޭމްޕުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންނަށް ލީޑަރޝިޕާއި، ލައިފް ސްކިލް އާއި، މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ދަސްކޮށްދިނުމެވެ. ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކެރިގެން ކުރިމަތިލުމުގެ މައްޗަށް އަލިއަޅުވާލައި، މި ކޭމްޕުގައި މަޢުލޫމާތު ދީފައިވެއެވެ. މި މަޢުލޫމާތުތައް ދިނީ ތަފާތު ކުޅިވަރުތަކާއި ޙަރަކާތްތަކުގެ ތެރެއިންނެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކ ދައްކަވަމުން ޖެންޑަރ މިނިސްޓަރ ޒެނިޝާ ޝަހީދު  ޒަކީ ވިދާޅުވީ މި މި ކޭމްޕްގައި ހިންގި  ޙަރަކާތްތަކުގެ ސަބަބުން ތަފާތު ދާއިރާތަކުން ދަރިވަރުންގެ ހުނަރުތައް އިތުރަށް ތަރައްޤީވެގެން ދިޔަ ކަމަށެވެ. 

މިނިސްޓަރ ވަނީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް އެމް.އެން.ޑީ.އެފުން ދޭ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 10 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ބައިވެރިކުރި މި ކޭމްޕް ބާއްވާފައިވަނީ ގިރިފުށި ޓްރެއިނިންގް ސެންޓަރގައެވެ.